ޚަބަރު

ރާއްޖޭގައި ޑްރޯން ދުއްވުން ކޮންޓްރޯލްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖޭގައި ޑްރޯން ދުއްވުން ކޮންޓްރޯލްކޮށް، ރައްކާތެރިގޮތުގައި ޑްރޯން ގެންގުޅުމުގެ އުސޫލުތަކެއް އެކަށައެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާ ކުންފުނި ލެޓްސް ގޯ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދިޔަ ކައުންޓަރ ޑްރޯން ކޮންފަރެންސްގެ ތެރެއިންނެވެ.

މި ކޮންފަރެންސްގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ލެޓްސް ގޯ މޯލްޑިވްސްގެ އޮޕަރޭޝަންސް އެންޑް އެޗްއާރް ހެޑް ހުސައިން އަލި މަނިކު ވަނީ، ރާއްޖޭގައި ކޮންސިއުމަރ ޑްރޯން ގެންގުޅޭގޮތުން ބައެއް ފަތުރުވެރިންނަށް އުނދަގޫތަކާއި ދަނީކުރުމަތި ވަމުންނެވެ. އަދި ރާއްޖެއަކީ މަޝްހޫރު ތަރިންނާއި، ހައި ޕްރޮފައިލް މީހުންގެ މެދުގައި މަޤުބޫލު މަންޒިލަކަށް ވާއިރު، ވޭތުވެ ދިޔަތަނުގައި އެފަދަ ޑްރޯންތައް ބޭނުންކޮށްގެން އެ ފަރާތްތަކުގެ ހައްޤުތަކަށް އަރައިގެންފައިވާކަން ހުސައިން އަލި މަނިކު ފާހަގަކުރެއްވިއެވެ.

މި މައްސަލަތައް ހައްލުކުރުމަށް މި ކޮންފަރެންސްގެ ތެރެއިން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ޑްރޯން ދުއްވުން ކޮންޓްރޯލްކޮށް، ރައްކާތެރިގޮތުގައި ޑްރޯން ގެންގުޅުމުގެ އުސޫލެއް ޤާއިމުކުރުމާއި ގުޅޭގޮތުން އެކޮންފަރެންސްގައި ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ސަފާރީތަކުގައި ޑްރޯންތައް ޑިސްމެންޓަލް ކުރެވޭނެފަދަ ސިސްޓަމް ރާއްޖޭގައި ތަޢާރަފްކުރުމަށް މަޝްވަރާކޮށްފައި ވެއެވެ. މި ސިސްޓަމް ރާއްޖެގެނެސް ބޭނުންކުރުމާއި ގުޅޭގޮތުން ސަރުކާރާއި ކަމާއި ބެހޭ ވުޒާރާތަކާއި މަޝްވަރާކުރަމުންދާކަން ފާހަގަކުރައްވާ، ހުސައިން އަލި މަނިކު ވަނީ މި ސިސްޓަމް ގަތުމަށް ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، އަދި ސަފާރީތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ހާމަކުރައްވާފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދިޔަ ކައުންޓަރ ޑްރޯން ކޮންފަރެންސްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގައި ޑްރޯންތައް ޑިސްމެންޓަލް ކުރެވޭނެފަދަ ސިސްޓަމްތަށް ތަޢާރަފްކުރުމަށްފަހު މި ސިސްޓަމްތައް ބޭނުންކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަށް ތަމްރީންކުރުމަށް ޙާއްސަ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.