ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް ސައުތު އެފްރިކާ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންއިން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސައުތު އެފްރިކާގެ ނޫސްވެރިން ރާއްޖެ ގެނެސްފިއެވެ.

މިދަތުރަކީ ރާއްޖެ އިޝްތިހާރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީން 2020 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ސިލްސިލާ ފެމިލިއަރައިޒޭޝަން ޓްރިޕްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދަތުރެވެ.

ސައުތު އެފްރިކާގެ ނޫސްވެރިން ރާއްޖެ އައީ ފެބްރުއަރީ 2 ވަނަ ދުވަހުއެވެ. މި ދަތުރުގައި ނޫސްވެރިން ކުރާ ތަޖުރިބާތައް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިޢު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރާ ބެހޭގޮތުން ޝާއިރުކުރެވޭ ލިޔުންތަކުން ދިވެހި ރާއްޖެއާ ބެހޭ މަޢުލޫމާތު ފުޅާދާއިރާއެއްގައި ސައުތު އެފްރިކާގެ މާކެޓަށް ލިބިގެން ދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ޓީމު ރާއްޖޭގައި ހޭދަކުރާނީ 6 ދުވަހުގެ މުއްދަތަކަށެވެ. މި ދަތުރުގައި ރާއްޖޭގެ ރިސޯޓުތަކުން ލިބެން ހުންނަ ޚިދުމަތްތަކާއި އެ ރިސޯޓުތަކުގެ ރެސްޓޯރަންޓްތަކުން ލިބެން ހުންނަ ތަފާތު ކާބޯތަކެތި ތަޖުރިބާކުރުމުގެ އިތުރުން ޑޯލްފިން ކްރޫޒް ފަދަ ރާއްޖޭގައި ފަތުރުވެރިންނަށް ޚާއްސަ ކަންތައްތައް ނޫސްވެރިން ތަޖުރިބާކުރާނެ އެވެ.

ސައުތު އެފްރިކާއިން މިދިޔަ އަހަރު ވަނީ 9545 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 23.1 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރު ސައުތުއެފްރިކަން މާކެޓަށް ޚާއްސަ ކޮށްގެން އެމް.އެމް.ޕީ.އާރު.ސީން ވަނީ އެކި ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައެވެ. އެގޮތުން މިއަހަރުގެ އެޕްރީލްމަހު އޮންނަ ޑަބްލިއު.ޓީ.އެމް އެފްރިކާގައި ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.