ޚަބަރު

ހުޅުމީދޫ އިންޖީނުގެ ބޮޑުކޮށް އަންނަ މަހު ކަރަންޓު ދެވޭނެ : ފެނަކަ


އައްޑޫސިޓީ ހުޅުމީދޫ އިންޖީނުގެ ބޮޑުކޮށް އަންނަ މަހު އާޖަނަރޭޓަރުން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އައްޑޫގެ ގުޅިފައިވާ ރައްތަކާއި ވަކިން އޮންނަ ހުޅުދޫ އާއި، މީދޫ އަވަށަށް ކަރަންޓު ދެނީ ހުޅުމީދޫ ޕަވަރހައުސްއިންނެވެ. ނަމަވެސް އިންޖީނަށް މައްސަލައެއް ދިމާވެ ލޯޑު ނުހިފެހެއްޓޭ މައްސަލަ ވަނީ ކުރިމަތި ވެފައެވެ. މިމައްސަލަ ޙައްލު ކުރުމަށް ފެނަކައިން ވަނީ 800 ކިލޯ ވޯޓްގެ ޖަނެރޭޓަރެއް މިއަހަރު މެދެއްހާ ހިސާބުގައި އެރަށަށް ފޮނުވާފައެވެ. ނަމަވެސް މި ޖަނަރޭޓަރު އިންސްޓޯލްކޮށް ކަރަންޓުް ދެވެން އޮތީ މިހާރު ހުރި އިންޖީނުގެ ބޮޑު ކޮށްގެންނެވެ.

ފެނަކަ ހުޅުމީދޫ މަރުކަޒުން މަޢުލޫމާތު ދިން ގޮތުން، އާޖަނަރޭޓަރ ބެހެއްޓުމަށްޓަކައި ޢިމާރާތުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށް ދާކަމަށެވެ. އަދި މިމަހުގެ ނިޔަލަށް އިމާރާތުގެ މަސައްކަތް ނިންމައި، އަންނަ މަހު ކަރަންޓް ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޖަނެރޭޓަރ އިންސްޓޯލް ކުރެވުމާއި އެކު މިހާރު ދިމާވެފައިވާ ކަރަންޓު މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ ކަމަށްވެސް އެނާ ވިދާޅުވިއެވެ.

އެމަރުކަޒުން ބުނީ މިހާރު، ޖެނެރޭޓަރަކަށް މައްސަލައެއް ދިމާވުމުން އެރަށުގެ އެކިއެކި ސަރަހައްދު ތަކުން ކަރަންޓް ކަނޑަންޖެހުން ނޫން ގޮތެއް ނޯންނަ ކަމަށްވެސް ވިދާޅުވިއެވެ. ހުޅުމީދޫގެ ޖުމްލަ އާބާދީ 6500 އަށް ވުރެއިތުރުވެފައި ވާއިރު، މިހާރު ކަރަންޓު ދެމުން ދަނީ 500 ކިލޯވޯޓުގެ ދެ ޖެނެރޭޓަރުންނާއި އެއަށްވުރެ ކުޑަ 3 ޖެނެރޭޓަރު ބޭނުންކޮއްގެންނެވެ.