ޚަބަރު

ކުޅުދުއްފުށީ ކުޅި ޙިމާޔަތް ކުރާނެގޮތާ މެދު އިތުރު މަޝްވަރާއަކަށް ދަނީ


ކުޅުދުއްފުށީ ކުޅީގެ ބާކީބައި ޙިމާޔަތް ކުރާނެގޮތުގެ ފަރުމާއާއި މެދު އެރަށުގެ ކައުންސިލްއާއި ރައްޔިތުންނާ މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރ ޑރ ހުސެން ރަޝީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަމާގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޮޑުތިލަދުންމަތިން ޙިމާޔަތްކުރި 15 ސަރަޙައްދުގެ މެނޭޖްމެންޓް ޕްލޭންވެސް ރައްޔިތުންގެ ބައިވެރިވުމާއެކު ހަދާނެކަމަށެވެ.

ކުޅުދުއްފުށީ އުތުރުކޮޅުގައި އޮންނަ މަށި ކުޅީގެ ބާކީ ބަޔާއި، އެރަށުގައި ހުރި ތިމާވެށީގެ ގޮތުން ނާޒުކް ސަރަހައްދުތަށް ހިމާޔަތް ކުރުމާ ބެހޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލްއާއި އެކު މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވެސް ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. އެތަން ހިމާޔަތް ކުރުމުގެ ކުރިން އެތަންތަނުގެ ޙާލަތު ބެލުމަށް އިތުރު ދިރާސާތަކެއް ކުރަންޖެހޭކަމަށް އޭރުވަނީ ބުނެފައެވެ. މިއަހަރުގެ އޭޕްރީލް މަހުގެތެރޭގައި ބޭރުގެ ތަޖުރިބާކާރުންގެ ޓީމަކުންވަނީ ކުޅުދުއްފުށީ ކުޅީގެ ދިރާސާތަކެއް ކޮށްފައެވެ.

މި ދިރާސާގައި އެރަށު އެއަރޕޯޓު މަޝްރޫޢުގެ ސަބަބުން ތިމާވެށީގެ ގޮތުން އައިސްފައިވާ ބަދަލުތައް ދެނެގަނެ އެތަނުގެ ގުދުރަތީ ވެއްޓާއި ދިރުންތައް ޙިމާޔަތްކޮށް، ކުޅިއަށް ދިރުން ގެނައުމަށް ކުރެވޭނެ ކަންތައް ދެނެގަތުން ހިމެނިފައި ވެއެވެ. މިމަޝްވަރާތައް ކުރީ މެޕްގެ ތަޖުރިބާކާރުންގެ ޓީމްގެ އެހީތެރިކަމާއެކުއެވެ.

ކުޅުދުއްފުށީ މަށި ކުޅިއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ، ޤުދުރަތީ އެތަކެއް ދިރުންތަކެއް އުޅެމުންދިޔަ ތަނެކެވެ. ނަމަވެސް ކުރީގެ ސަރުކާރުން ކުޅުދުއްފުށީ އެއަރޕޯޓް އެޅުމަށްޓަކައި ކުޅީގެ ބޮޑުބައެއް ހިއްކުމާ ގުޅިގެން އެތަނުގެ ގުދުރަތީ ރީތިކަމަށް ވަނީ ނުރަގަޅު ބަދަލުތަކެއް އައިސްފައެވެ.