ޚަބަރު

ނައިފަރު ހައުސިންގ މަޝްރޫޢުގެ ކޮންޓްރެކްޓަރާއެކު ވެފައިވަނީ ޣައިރު ޤާނޫނީ އެއްބަސްވުމެއް - ބަންޑާރަ ނައިބް


ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި ހެދި އެއްބަސްވުން ބާޠިލުކޮށް އަލުން ބީލަމަށް ހުޅުވާލަން ލަފާދިނީ އެ އެއްބަސްވުމަކީ ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ އެއްބަސްވުމަކަށްވުމުންކަމަށް، ބަނޑާރަނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޅ.ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހަވާލުކޮށްފައިވަނީ ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑާއެވެ. އޭޖީ އޮފީހުން މި މައްސަލައާއި ގުޅިގެން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ އެ ލަފާ އަރުވާފައިވަނީ ހައުސިން މިނިސްޓްރީއިން މިކަމުގައި އޭޖީ އޮފީހުގެ ލަފަޔަކަށް އެދުމުންކަމަށެވެ.

މި އެއްބަސްވުމަކީ ޣައިރު ޤާނޫނީ ގޮތަކަށް ޢަމަލުކުރަންޖެހޭ އެއްބަސްވުމަކަށް ވެފައިވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ޝަރުޠެއްގެ ގޮތުން މަސައްކަތަށް ކުރިމަތިލާ ކޮންޓްރެކްޓަރަކީ “ނެޝަނަލް ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ”ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންޖެހޭނެ ކަމަށް ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާއިރު، ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ، 20 އޮގަސްޓް 2019 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބާޠިލުކޮށްފައިވާތީކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

އޭޖީ އޮފީހުގެ ބަޔާނުގަިއ ވިދާޅުވެފައިވަނީ، ހައުސިންގް މިނިސްޓްރީއިން ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑްގެ ރަޖިސްޓްރީ ބާޠިލުކުރައްވާފައިވަނީ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީވުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ކަމަށެވެ. އަދި އެ ކުންފުނި ރަޖިސްޓްރީކުރެވިފައިވަނީވެސް އެ ލިޔެކިޔުންތައް ފުރިހަމަވެފައި ނެތީސްކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެއެވެ.

މިއަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރޭގައި ޅ.ނައިފަރުގައި 100 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ވަނީ ހިމަނާފައެވެ. ޅ.ނައިފަރުގައި 100 ހައުސިން ޔުނިޓް ޢިމާރާތްކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވަނީ މިދިޔަ މާރޗްމަހުގެ ތެރޭގައެވެ.

އެރަށުގައި 100 ހައުސިންގ ޔުނިޓް ޢިމާރާތްކޮށްދެއްވާނެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރެއްވީ އެމްޑީޕީގެ ކެމްޕެއިން ދަތުރުފުޅެއްގައި ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ. އެމަނިކުފާނުވަނީ ނައިފަރުން، އިތުރު 52 ހެކްޓަރުގެ ބިން ހިއްކަވާދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. ނައިފަރަކީ އާބާދީގައި 5473 މީހުން ދިރިއުޅެމުންދާ ރަށެކެވެ.

އެރަށުގައި އަލަށް ތަރައްޤީކުރަން ނިންމި ހައުސިންގ ޔުނިޓްތައް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހިއްކިބިމުގައެވެ. އެއީ އެއް ލައްކަ އެގާރަ ހާސް އަކަފޫޓުގެ ބިމެކެވެ. ބިމުގެ ދަތިކަން ޙައްލުކުރުމަށް 2004 ވަނަ އަހަރުވެސް ވަނީ ނައިފަރުގެ ބިންހިއްކާފައެވެ. އަދި 2012 ވަނަ އަހަރު އެރަށުން 300 ގޯތި ދޫކޮށްފައިވެއެވެ. ނައިފަރު ކައުންސިލުން ވިދާޅުވީ މިހާރުވެސް ގޯތި ބޭނުންވާ 1000 އަށްވުރެ ގިނަ މީހުން އެރަށުގައި ތިބިކަމަށެވެ.