ކްރިކެޓްގައި ޖަޕާނުން ކުޅޭ ބައިނަލް އަގްވާމީ ފުރަތަމަ މެޗު އިންޑިޔާއާ ދެކޮޅަށް ކުޅެން ނިންމައިފި އެވެ.
މި މަހުގެ 22 ވަނަ ދުވަހު ޖަޕާނުގެ ސާނޯ އިންޓަނޭޝަނަލް ކްރިކެޓް ދަނޑުގައި ކުޅެން ހަމަޖައްސާފައިވާ މެޗަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ މެމްބަރު ގައުމަކާ ދެކޮޅަށް ޖަޕާން ކުޅޭ ފުރަތަމަ މެޗެވެ. ޓުވެންޓީ20 ކްރިކެޓް ޗެމްޕިއަން އިންޑިޔާއިން ޖަޕާނުގައި ކުޅޭ މެޗުތަކުގެ ތެރެއިން އެއް މެޗު ކުޅޭނީ ހާއްސަ ޓްރޮފީއަކަށެވެ.
އެއީ އިންޑިޔާ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން އުފެއްދިތާ 75 އަހަރު ފުރުން ފާހަގަ ކުރުމަށެވެ.
"ދުނިޔޭގެ ޗެމްޕިއަނެއް ޖަޕާނަށް ގެނެސް މިފަދަ މެޗެއް ކުޅުމަކީ ވަރަށް ބޮޑު ޝަރަފެއް. މިއީ ހާއްސަ ވަގުތު ކޮޅަކަށްވާނެ މުޅި ޖަޕާނަށް ވެސް އަދި ޖަޕާނުގެ ކްރިކެޓަށް ވެސް،" އެ ގައުމުގެ ކްރުކެޓް އެސޯސިއޭޝަނުގެ ޗީފް އެގްޒެކެޓިވް ނަކޯއީ މިޔާޖީ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
ޖަޕާނުން އައިސީސީގެ އެފިލިއޭޓް މެމްބަރަކަސްވީ 1989 ވަނަ އަހަރު އެވެ. އަދި ފުރިހަމަ މެމްބަރަކަށްވީ 2005 ވަނަ އަހަރު އެވެ.
މި މެޗާ ބެހޭ ގޮތުން އިންޑިޔާއިން ވެސް ވަނީ އުއްމީދީ ނަޒަރަކުން ވާހަކަ ދައްކައިފަ އެވެ. އެ ގައުމުން ބުނީ ޖަޕާނާއި އިންޑިޔާގެ ޒަމާންވީ ގުޅުމުގެ މުހިންމު އިވެންޓެއް ފާހަގަ ކުރަން މި ފަދަ މެޗެއް ކުޅުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"އިންޑިޔާގެ ކްރިކެޓް ބޯޑުން މި ތާރީހީ މެޗާ މެދު މި ތިބީ ވަރަށް އުފާވެފައި. ޖަޕާނާއި އިންޑިޔާގެ ފިރިހެން ޓީމުގެ މެދުގައި ކުޅެވޭ ޓުވެންޓީ20 މި މެޗު ވެގެންދާނީ ވަރަށް ފާހަގަ ކޮށްލެވޭ ހާއްސަ މެޗަކަށް،" އިންޑިޔާގެ ކްރިކެޓް ބޯޑުގެ އޮނަނަރީ ސެކްރެޓަރީ މިސްޓަރ ދެވަޖިތް ސައިކިއާ ވިދާޅުވި އެވެ.