ކުޅިވަރު

މެސީއަށްޓަކައި 10ވަނަ މިނިޓް ހުސްކޮށްލަނީ


ކެޕްޓަން ލަޔޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން އޭނާގެ ޝަރަފުގައި އާޖެންޓީނާގައި މި ހަފުތާގައި ކުޅޭ ހުރިހާ މެޗެއް 10 ވަނަ މިނިޓަށް މެދުކަނޑާލަން ނިންމައިފި އެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުން މި ގޮތަށް ނިންމީ މެސީ އެ ގައުމުގެ ފުޓްބޯޅަ އަށް ކޮށްދީފައިވާ ކަންތައްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

"ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވުނު 10 ނަންބަރު ޖާޒީ ރިޓަޔާ ކުރުމަށް ވެސް. ނަމަވެސް ފީފާގެ މަޝްވަރާގެ ވެސް މަތީން އެއީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުވެވުނު. އަހަރުމެން ނިންމީ މެސީގެ ޝަރަފުގައި މި ހަފުތާގައި ކުޅޭ ހުރިހާ މެޗެއް ވެސް 10 ވަނަ މިނިޓްގައި މެދުކަނޑލައި ހާއްސަ ސްކޫތެއް ގެންނަން،" އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ސްޕޯކްސް ފާސަން ވިދާޅުވި އެވެ.

މެސީ އަކީ އާޖެންޓީނާގެ އިތުރުން ގިނަ ބައެއްގެ ނަޒަރުގައި ފުޓްބޯޅައިގެ އެންމެ އަލިގަދަ ތަރި އެވެ. އޭނާ ފަދަ އެހެން ކުޅުންތެރިއަކު ދުނިޔެއިން ފެނިފައިވާ ނުވާ ކަމަށް އެއްބަސްވާ މީހުން ގިނަ އެވެ. 21 އަހަރު ގައުމީ ޓީމަށް ކުޅެ އޭނާ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި އެންމެ ފަހުގެ ދެ ކޮޕާ އެމެރިކާ އާއި ފައިނަލިސިމާ ކަޕާއި އޮލިމްޕިކް ގޯލްޑް މެޑަލް އާޖެންޓީނާ އަށް ހޯދައިދީފަ އެވެ.

"އޭނާ ރިޓަޔާ ކުރާ ވާހަކަ ބުނަން އަހަރެންނަށް ގުޅި. އޭނާ އަށް މިއީ ވަރަށް އުނދަގޫ ނިންމުމަކަށްވީ. މިވާހަކަ އަހަރެން ގާތުގައި ބުނަން އޭނާ އަށް ވަރަށް އުނދަގޫވި. އަހަރެންނަށް އެކަން ވިސްނިގެން އޭނާއަށް ހިތްވަރު ދިނިން ރިޓަޔާ ކުރާ ވާހަކަ ބުނަން. އެކަމަކު ވެސް އެ ވާހަކަ ބުނަން އޭނާ ހޭދަކުރި 30 މިނިޓް،" އާޖެންޓީނާގެ ކޯޗު ލަޔޮނަލް ސްކަލޯނީ ބުންޏެވެ.

މެސީ ކުޅުން ހުއްޓާލުމާއެކު އާޖެންޓީނާގެ ކޯޗު ސްކަލޯނީ ވެސް މަގާމުގައި ދެމި ނުހުންނާނެކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ނަމަވެސް އެންމެ ފަހުގެ ދެ ވޯލްޑް ކަޕުގައި ވެސް ކޯޗުކޮށްދިން ސްކަލޯނީ މިކަމާމެދު އަދި ރަސްމީ ޖަވާބެއް ނުދެ އެވެ.