ޚަބަރު

ރާއްޖެއިން ކިރްގިސްޠާނާއި ލުބުނާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ


  • މެޗުތައް ކުޅޭނީ ބައިނަލްއަޤުވާމީ ބްރޭކުގައި

  • ދެމެޗުވެސް ކުޅޭނީ ކިރްގިސްތާނުގައި

ރާއްޖޭގެ ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމުން ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ތާވަލުކޮށްފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ރާއްޖެއިން ކިރްޤިސްޠާނާއި ލުބުނާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ތާވަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކިރްގިސްޠާނާ ދެކޮޅަށް ކުޅޭ މެޗު ތާވަލުކޮށްފައި ވަނީ މިމަހުގެ 28ވަނަ ދުވަހަށެވެ. ކިރްގިސްޠާނަކީ ފީފާ ރޭންކިންއަށް ބަލާއިރު 106ވަނައިގައި އޮތް ގައުމެވެ. އެއީ އޭޝިއާ ސަރަހައްދަށް ބަލާނަމަ ރޭންކިންގެ 19 ވަނައެވެ.

މި ބްރޭކުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ލުބުނާނާ ދެކޮޅަށް ނުކުންނާނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ރޭންކިންއަށް ބަލާއިރު ލުބުނާން އޮތީ 107ވަނައިގައެވެ. އޭޝިއާ ސަރަހައްދުގެ ރޭންކިންގައި ލުބުނާނަކީ 20ވަނައެވެ.

ފީފާ ރޭންކިންގައި ރާއްޖެއަށް ލިބެނީ 173ވަނައެވެ. އެއީ އޭޝިއާ ސަރަހައްދުގެ ރޭންކިންގައި 33ވަނައެވެ.

އެހެންކަމުން ރާއްޖެއިން މި ބްރޭކުގެ ބޭނުން މިހިފަނީ ވާދަވެރި، ރާއްޖެއަށްވުރެ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅެ، މުހިންމު ތަޖުރިބާތަކެއް ހޯދުމަށެވެ. މިއީ ދިވެހި ފުޓުބޯޅަ އަލުން ކޮޅަށް ޖަހައި، ދިވެހި ފުޓުބޯޅައިގެ ފެންވަރު މަތިކުރުމަށް އެފްއޭއެމް އިން ކުރަމުން އަންނަ ކާމިޔާބު މަސައްކަތަށް އިތުރުވެގެންދާނެ ބޮޅެކެވެ.

ރާއްޖޭގެ ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމުން އެންމެފަހުން ބައިނަލްއަޤްވާމީ މެޗެއް ކުޅުނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެއީ ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ބަންގްލަދޭޝް، ޕާކިސްޠާން އަދި އަފްޣާނިސްޠާނާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. މި ތިން މެޗުގެ ތެރެއިން އަފްޣާނިސްޠާނާއި ޕާކިސްޠާން އަތުން ރާއްޖެ ބަލިވިއިރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ވީ އެއްވަރެވެ.

އޭގެކުރިން މާޗު މަހުގެ 31ވަނަ ދުވަހު ރާއްޖެއިން އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެ، 1-3ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.

ރާއްޖޭގެ ޤައުމީ ޓީމުން ފަރިތަކުރުންތައް އަދި ފާއިތުވީ މެޗުތައް ވެސް ކުޅެފައި ވަނީ ހަންގޭރީގެ ތަޖުރިބާކާރު ކޯޗު، އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.