ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޔޫކޭގެ ނޫސްވެރިން ރާއްޖެއަށް


ދިވެހިރާއްޖޭގެ ފަތުރުވެރިކަން އަމިއްލައަށް ތަޖުރިބާކޮށް، އިޝްތިހާރުކުރުމަށް އިނގިރޭސިވިލާތުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ނޫސްވެރިންގެ މިދަތުރަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން މިއަހަރު ކުރިއަށްގެންދާ ދަތުރުތަކުގެ ތެރެއިން ދަތުރެއްކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ އެކި ޤައުމުތަކުގެ ނޫސްވެރިންނާއި މަޝްހޫރު ފަރާތްތައް ރާއްޖެ ގެނެސްގެން އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތުގެ 14 ވަނަ ދަތުރެވެ.

ޔޫކޭގެ ނޫސްވެރިންގެ ޓީމް ރާއްޖޭގައި މިމަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ތިބޭނެއެވެ. މި ދަތުރުގައި އެ ޓީމުން ތިބޭނީ ކޮކޯ ބޮޑުހިތި، ފުރަވެރި އައިލެންޑް އެންޑް ސްޕާ، އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައެވެ.

މި ދަތުރުގައި ދިވެހިރާއްޖޭގެ ރިސޯޓުތަކުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތްތަކާއި، ދިވެހި ސަޤާފަތާއި، ދިވެހި ކެއުމުގެ އިތުރުން ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ތަޖުރިބާކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މި ދަތުރުގައި ކުރާ ތަޖުރިބާތައް އެ މީހުން މަސައްކަތްކުރާ މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިއްސާކުރަންޖެހެއެވެ.

ޔޫކޭއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު އެއް މާކެޓެވެ. މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެ ޤައުމުން އަށްޑިހަ ތިންހާސް އަށްޑިހަ ނުވަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު 10.5 އިންސައްތަ އިތުރު އަދަދެކެވެ.