ވިޔަފާރި

"ޖާރނީ ޓު ދަ ސަނީ ސައިޑް" ރޯޑް ޝޯވ ޖަރުމަނާއި އޮސްޓްރިއާގައި ފަށައިފި


"ޖާރނީ ޓު ދަ ސަނީ ސައިޑް" ސިލްސިލާގެ ރޯޑްޝޯ ޖަރުމަނާއި އޮސްޓްރިއާގައި ފަށައިފިއެވެ.

މިއީ އެމް.އެމް.ޕީ.އާރ.ސީން ރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި ކުރިއަށް ގެންދާ މި ސިލްސިލާގެ 6 ވަނަ ރޯޑް ޝޯއެވެ.

މި ރޯޑް ޝޯ ކުރިއަށްދަނީ ޖަރުމަނުގެ ކޮލޯން، ފްރެންކްފާޓް އަދި މިއުނިކްގައި މި މަހުގެ 16 އިން 18 އަށެވެ. އަދި އޮސްޓްރިއާގެ ވިއެނާގައި ސެޕްޓެމްބަރު 19 ގައި މި ރޯޑްޝޯ ކުރިއަށްދާނެއެވެ.

މި ރޯޑް ޝޯތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ޖަރުމަނާއި އޮސްޓްރިއާގެ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ރާއްޖެއަށް މިހާރަށްވުރެ އިތުރަށް ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރުމަށް އެފަރާތްތަކާ މަޝްވަރާކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމް.އެމް.ޕީ.އާރު.ސީއާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 7 ކުންފުންޏަކުން ވަނީ މި ރޯޑް ޝޯވ ގައި ބައިވެރިވެފައެވެ. މި އިވެންޓުގައި ޖަރުމަނާއި އޮސްޓްރިއާގެ އޮޕަރޭޓަރުންނާއި ބައްދަލުކުރުމާއި ޑެސްޓިނޭޝަން ޕްރެޒެންޓޭޝަންގެ ދިނުމުގެ އިތުރުން ކޮންމެ ސިޓީއެއްގައި ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެއެވެ. މި ޗުއްޓީ ދަތުރުތައް ސްޕޮންސަރ ކޮށްފައިވަނީ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުންނެވެ.

މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް 7.2 އިންސައްތައިގެ ޙިއްސާއަކާއިއެކު ޖަރުމަނުވިލާތް އޮތީ ރާއްޖެއަށް ފަސް ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ.

2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ޖަރުމަނުވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހާ ހިސާބަށް 10.4 އިންސައްތަ އިތުރުވެފައި ވެއެވެ. އަދި އޮސްޓްރިއާއިން ވެސް މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ޖުލައިމަހުގެ ނިޔަލަށް އެ ގައުމުން ވަނީ ތޭރަހާސް ހަތަރުސަތޭކަ ފަނަރަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، 9.3 އިންސައްތައިގެ ކުރިއެރުމެކެވެ.