ހއ.ކެލައާއި ނ.ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ފަށައިފިއެވެ.
އެމް.ޓީ.ސީ.ސީއިން ހއ.ކެލާގައި ކުރިއަށްގެންދާ ބަނދަރު ހެދުމުގެ މަޝްރޫޢޫގެ ދަށުން 1.6 ހެކްޓަރުގެ ބިން ހިއްކައި 30.5 މީޓަރުގެ ސަރަޙައްދެއްގައި ބްރޭކް ވޯޓަރލުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބަނދަރުގެ 1445 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންްޓް ހެދުމަށްވެސް ވަނީ ހަމަޖެހިފައިއެވެ. ކެލާ ބަނދަރުގެ ހެދުމުގެ މަޝްރޫއަށް 14.7 މިލިއަން ރުފިޔާ ޚަރަދުވާއިރު، މި މަޝްރޫޢުގެ މަސައްކަތް ނިންނުމަށް އެމް.ޓީ.ސީ.ސީއަށް ދީފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ.
ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ފަޅުން 4.46 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައި 223 މީޓަރުގެ ބްރޭކް ވޯޓަރލުމާއި، 86 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރުގެ 1015 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢަށް 26.6 މިލިއަން ރުފިޔާ ޚަރަދުވާއިރު، މި މަޝްރޫޢުގެ މަސައްކަތް ނިންނުމަށް އެމް.ޓީ.ސީ.ސީއަށް ދީފައިވަނީ 300 ދުވަހުގެ މުއްދަތެކެވެ.
ބަނދަރުގެ ހެދުމުގެ މި ދެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އީ.އައި.އޭ ރިޕޯޓު ހަދައި، ނިންމަންޖެހޭ މަރުހަލާތައް ނިންމުމަށްފަހުގައިކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ. ހަމައެކަނި މާލޭ ސަރަހައްދަށް ޚިދުމަތްތައް ޖަމާކުރުމުގެ ބަދަލުގައި މުޅި ރާއްޖެ ތަރައްޤީކުރުމަށް ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވާއިރު، އެ މަސައްކަތްތައް އެންމެ ފުރިހަމަގޮތުގައި ކުރިއަށްގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އެކުންފުނިން ކުރަމުންދާކަމަށްވެސް އެމް.ޓީ.ސީ.ސީ ވަނީ ވިދާޅުވެފައެވެ.