ރާއްޖޭގެ ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.
މި ސިޔާސަތަށް ބޭނުންވާ މައިގަނޑު ފްރޭމްވަރކް ހެދުމުގެ މަސައްކަތް، ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ވަނީ ހަވާލުކޮށްފައެވެ.
ޒުވާނުންގެ ސިޔާސަތު އެކުލަވާލުމަށް ބޭނުންވާ ފްރޭމްވަރކް ހެދުމުގެ މަސައްކަތް އިސްލާމީ ޔުނިވަރސިޓީއާ ހަވާލުކުރުމަށް އެއްބަސްވުމެއް އެކުލަވާލާފައިވެއެވެ. މި އެއްބަސްވުމުގައި ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޓީގެ ނައިބު ރައީސް ފާތިމަތު ނަޒާހާ ނަޒީމެވެ. އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އައިމިނަތު ޝާފިޔާ އާދަމެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރުގެ ޚާއްސަ އެޑްވައިޒަރު އަޙްމަދު ނަރީޝް ވިދާޅުވީ ހުނަރުވެރި އެތައް ޒުވާނަކަށް ވަޒީފާ ނުލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި ކަމަށެވެ. އަދި ތަޢުލީމީ، ޤާބިލު ޒުވާނުން ތިބި ދާއިރާތަކަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކަށް ފުރުޞަތުތައް ހޯދައިދޭންޖެހޭކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި ޒުވާނުންގެ ޤައުމީ ސިޔާސަތު އެކުލަވާލާއިރު، އެ ކަންކަމަށް ސަމާލުކަން ދިނުން މުހިންމުކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
"ހުނަރުވެރި ގިނަ ޒުވާނުން އެބަ ތިބި. ޤާބިލު ގިނަ މަސައްކަތްތަކެއްކުރާ ޒުވާނުން އެބަތިބި. އެ މީހުން ތިބީ ސެޓްފިކެޓެއް ނެތުމުން ވަޒީފާ ނުލިބިފައި. އެކަމަކު އެ ކުދިންވެސް ސެޓިފައިކުރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ." ނަރީޝް ވިދާޅުވިއެވެ.
ޒުވާނުންގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މެންބަރު ޙުސައިން ޢަރުބާން ފަވާޒު ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީން ފްރޭމްވަރކް އެކުލަވާލާއިރު، ޒުވާނުންނާ ގުޅޭގޮތުން މީގެކުރިން ހަދާފައިވާ ދިރާސާތަކަށް އަލިއަޅުވާލާނެ ކަމަށެވެ. އެ ގޮތުން ކުރީގެ ދިރާސާތަކުގައި ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ދީފައިހުރި އިރުޝާދުތައް އެއް ކަރުދާސް ކުރެވޭނެކަމަށް ޢަރުބާން ވިދާޅުވިއެވެ.
"ޒުވާނުންގެ ޤައުމީ މަހާސިންތާއެއް ބޭއްވޭނެ. މި މަހާސިންތާގައި އެކަށައެޅޭނެ ޒުވާނުންގެ ޤައުމީ ނެޓްވަރކް. އަދި މި މަހާސިންތާގެ ތެރެއިން ހުރިހާ ދާއިރާތަކުން ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި ޝަކުވާތައް ހުށައެޅުމަށް ފުރުޞަތު ދެވޭނެ." ޢަރުބާން ވިދާޅުވިއެވެ.
ޒުވާނުންގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އެކުލަވާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުއެވެ. މި ކޮމިޓީ އުފެއްދުމުގެ މަޤުޞަދަކީ ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި މަޝްވަރާއާއި ނިންމުންތައް ނިންމާއިރު ޒުވާނުން ދެކޭގޮތް ހާމަކުރެވޭނެ ގޮތް ފަހިކުރުމެވެ. އަދި ޒުވާނުންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމެވެ. މި މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ ދިވެހި ޒުވާނުންގެ ޤައުމީ ސިޔާސަތެއް އެކުލަވާލުމެވެ.