ޚަބަރު

ޒުވާން ޚަޠީބުން ޕްރޮގްރާމަކީ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއް: ވަޒީރު ޝަޙީމް


  • ޚަޠީބުކަމުގެ މަޤާމަކީ ވަރަށް މަތީ އަދި ޝަރަފްވެރި މަޤާމެއްކަމަށް ވިދާޅުވި

  • ޚަޠީބުން އިސްވެ މި ދާއިރާއިން އިތުރު ޒުވާނުން ކުރިއަށް ދިއުމަށް ހިއްވަރުދިނުމަށް ނަޞޭހަތްތެރިވި

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މިޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއްކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ނިންމާ ސަނަދު ޙާސިލްކުރި ދަރިވަރުންނަށް ސަނަދު އެރުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، މި ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއްކަމަށާއި ރައީސްގެ އެންމެ ފުރަތަމަ ތަޤުރީރުގައި ފާހަގަކުރެއްވި މީހުން ބިނާ ކުރުމާއި ފިކުރީ ގޮތުން ކުރިއެރުވުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގުރާމެއްކަމަށެވެ.

ވަޒީރުގެ ވާހަަކަފުޅުގައި ޒުވާން ޚަޠީބުންނަށް އަގުހުރި ގިނަ ނަޞޭޙަތްތަކެއް ވަނީ ދެއްވާފައެވެ. އެގޮތުން މި ޕްރޮގުރާމުގައި ބައިވެރިވި ޒުވާން ކުދިން އިޚްތިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއްކަމަށާއި ޚަޠީބުކަމުގެ މަޤާމަކީ ވަރަށް މަތީ އަދި ޝަރަފްވެރި މަޤާމެއްކަމަށް ވިދާޅުވިއެވެ. އަދި ޒުވާން ޚަޠީބުން މުޖުތަމަޢުއަށް ދައްކައިދެމުން ދަނީ ވަރަށް ރިވެތި ނަމޫނާއެއްކަމަށާއި މިކަމުގެ މަތީގައި އަބަދަށް ދެމިތިބުމަށާއި މި ދާއިރާއިން އިތުރަށް ހުނަރު ތަރައްޤީ ކުރުމަށް މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ ޒުވާން ޚަޠީބުންނަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައިވަނީ، ޒުވާން ޚަޠީބުން އިސްވެ މި ދާއިރާއިން އިތުރު ޒުވާނުން ކުރިއަށް ދިއުމަށް ހިއްވަރުދީ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރެއްވުމަށް ސަނަދު ޙާސިލްކުރެއްވި ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ނިންމާ ޒުވާނުންނަށް ރަށްރަށުން ކިޔާ ހޫނު މަރުޙަބާއާއި، ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު ދޭ މަންޒަރަކީ އުފާވެރި މަންޒަރެއްކަމަށާއި މިކަމުން އެނގިގެންދަނީ މި ޕްރޮގުރާމު ބަލައިގެންފައިވާ މިންވަރުކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން މިއަދު ވަނީ ސަނަދު ހާސިލްކޮށްފައެވެ. މިއާއެކު މިހާތަނަށް މި ސަނަދު ޙާސިލްކުރި ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. ވުޒާރާއިން އަމާޒު ހިފާފައިވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަށްކަން ފާހަގަކޮށްލެވެއެވެ.