ވިޔަފާރި

ފަތުރުވެރިކަން މާކެޓް ކުރުމަށް އެމްއެމްޕީއާރުސީން ޚާއްސަ ބައްދަލުވުމެއް ބާއްވައިފި


ފަތުރުވެރިކަމުގެ މާކެޓިންގ ގައި ޙަރަކާތްތެރިވާ ފަރާތްތަކަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ "ޓޫރިޒަމް މާކެޓާރސް އީވްނިންގ" މިތީމަށެވެ.

ސިލްސިލާކޮށް އެމްއެމްޕީއާރުސީން ފެށި މިބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 10ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ. މިބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގައި ތަޖްރިބާކާރު ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ލިވަބޯޑްތަކާއި، ޓްރެވެލް އެޖެންސީތަކުގެ އިސްފަރާތްތައް ވަނީ ބައިވެރިވެފައެވެ.

އެމްއެމްޕީއާރުސީން އިސްނަގައިގެން ކުރިއަށްގެންދިޔަ މިޙަރަކާތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެފައިވަނީ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޠައްޔިބު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ވައްތަރުތައް އިތުރުކުރުމަށް ތަޖުރިބާކާރުންގެ ފަރާތުން ޙިޔާލުލިބެމުންއަންނަކަމަށެވެ. އެހެންކަމުން މިފަދަ މަޝްވަރާ ބައްދަލުވުންތަކުގެ ސަބަބުން ފަތުރުވެރިކަން ކުރިއެރުވުމަށް ފަސޭހަވެގެންދާނެކަން ޠައްޔިބު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ 2 ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެޝަންގައި އަލިއަޅުވާލާފައިވަނީ ފަތުރުވެރިކަން މާކެޓްކުރުމުގައި އެމްއެމްޕީއާރުސީން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކަށެވެ. 2ވަނަ ސެޝަންގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމައި ގުޅޭގޮތުން ދާއިރާގެ ތަޖްރިބާކާރުން ވަނީ މަޝްވަރާކޮށްފައެވެ.

އެމްއެމްޕީއާރުސީން މިހާރުވެސް ދުނިޔޭގެ 23 މާކެޓެއްގައި އަންނަނީ ރާއްޖެ އިސްތިހާރުކުރަމުންނެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ފާއިތުވި 5 އަހަރާއި އަޅާބަލާއިރު ރެކޯޑް އަދަދެއްކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.