ޚަބަރު

މި ސަރުކާރުން ވަކި ޤައުމަކަށް ބަރޯސާއެއް ނުވާނެ - ފޮރިން ސެކެޓްރީ


މި ސަރުކާރަކީ ވަކި ޤައުމަކަށް ބަރޯސާވެގެން އޮންނާނެ ސަރުކާރެއް ނޫންކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އެންމެ އެކަށޭނެ ގޮތުގައި ފައިދާވާނެ މަގު ފަހިކޮށްދިނުންކަމަށް ފޮރިން ސެކެޓްރީ ޢަބްދުލް ޤަފޫރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފޮރިން ސެކެޓްރީ މިހެން ވިދާޅުވެފައި މިވަނީ މި ސަރުކާރު ވެރިކަމަށް އައުމުން ޗައިނާއާއި ރާއްޖޭގެ ގުޅުން ހީނަރުވާކަމަށް ދައްކާ ވާހަކަތަކަށް ރައްދުދެއްވާ ވާހަކަފުޅެދައްކަވަމުންނެވެ.

ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ފޮރިން ސެކެޓްރީ ޢަބްދުލް ޤަފޫރު މުޙައްމަދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިސް ރާއްޖެ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެކަހެރިވެފައިއޮތްއޮތުން ބަދަލުކޮށް ރާއްޖެއަކީ މި ބަސްވިކޭ ޤައުމަކަށް ހަދާފައިވާކަމަށެވެ.

އެގޮތުން ބައިނަލްއަޤްވާމީގޮތުން ރާއްޖެއަށް އަޅަން ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރާއްޖެ މިންޖުވެ، ރާއްޖެއަށް ފައިދާވާފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ރާއްޖެ ބަލައިގަތުމަކީ މިކަމުގެ އަލިގަދަ ހެއްކެއްކަމަށް ފޮރިން ސެކެޓްރީ ވިދާޅުވިއެވެ.

ފޮރިން ސެކެޓްރީ ޢަބްދުލް ޤަފޫރު މުޙައްމަދު ވަނީ ދާދިފަހުން ރާއްޖޭގައި ބޭއްވި 4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް އާއި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް ފަދަ ފޯރަމްތަކަށް ބޮޑު ތަރުޙީބެއް ލިބުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ރާއްޖެ ބަލައިގެންފައިވާކަމުގެ ހެއްކެތްކަމަށް ސިފަކުރައްވާފައެވެ.

" މި ސަރުކާރު ވެރިކަމަށް އައިސް ރާއްޖެ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެކަހެރިވެފައިއޮތްއޮތުން ބަދަލުކޮށް ރާއްޖެއަކީ މި މަޞްރަޙުގައި ބަސްވިކޭ ޤައުމަކަށް ވެއްޖެ. އެގޮތުން އައޯރާ، އީޔޫ އަދި ކޮމަންވެލްތުން ރާއްޖެ ބަލައިގަތުމަކީ މިކަމުގެ ހެތްކެތް. އަޅުގަނޑުމެން ކުރިއަށް ތަނުގައި ރާއްޖޭގެ މި ސްޓޭންޑް އިތުރަށް ވަރުގަދަކުރާނަން." ފޮރިން ސެކެޓްރީ ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގައި އިންވެސްޓްމެންޓްތަށް ހިންގާނީ ދެފުއްފެންނަ އިންސާފުވެރި ނިޒާމެއްގެ ދަށުންކަން ފާހަގަކުރައްވާ، ފޮރިން ސެކެޓްރީ ޢަބްދުލް ޤަފޫރު މުޙައްމަދު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި މި ސަރުކާރުން ވަކި ޤައުމަކަށް ބަރޯސާވެގެން ނޯންނާނެކަމަށެވެ. އެގޮތުން މި އަމާޒުގެ ދަށުން ސަރުކާރުން ރާއްޖޭގެ ކުރީގެ ބައިވެރިންގެ ގޮތުގައި ތިބި ޤައުމުތަކާއި، އެހެނިހެން އައު ބައިވެރިންވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ހޯދަމުންދާކަން ފޮރިން ސެކެޓްރީފާހަގަކުރެއްވިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފޮރިން ސެކެޓްރީ ވަނީ ޗައިނާއާއި ރާއްޖޭގެ ގުޅުން ހީނަރު ނުކުރާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް ޗައިނާއާއެކު ސަރުކާރުން ގުޅިގެން މަޝްރޫޢުތައް ހިންގުމަށް ނިންމާފައިވާކަމަށެވެ.

"މި ސަރުކާރުން ދިވެހިންނަށް ފައިދާގޮތަށް ކަންކަން ބައްޓަންކުރާނީ. ވަކި ޤައުމަކަށް މި ސަރުކާރަކުން ބަރޯސާއެއް ނުވާނަން. އަދި ވަކި ޤައުމަކާ ދުރަކަށްވެސް ނުދާނަން. އެގޮތުން މި ސަރުކާރު އައުމުން ޗައިނާއާއި އޮންނަ ގުޅުން ހިނާރުކުރެއްވެސް ނުވޭ. ރައްޔިތުންނަށް ފައިދާތަށް އެންމެ އެކަށޭނަގޮތެއްގައި ފޯރުކޮށްދެވޭނެ މަގު މި ސަރުކާރުން އަބަދުވެސް ފަހިކޮށްދޭނަން." ފޮރިން ސެކެޓްރީ ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާ ސަރުކާރާ އޮތް ގުޅުން ހީނަރު ވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު ސަރުކާރުން ވަނީ ވަކި ޤައުމުތަކަކާއެކު ގުޅުންބަދަހިކޮށް ބައެއް ޤައުމުތަކާ އެކަހެރި ވުމުގެ ބަދަލުގައި ސަރުކާރުގެ އަމަޒަކީ ހުރިހާ ޤައުމަކާއެކުވެސް ގުޅުން ބަދަހި ކުރުންކަން ހާމަކުރައްވާފައެވެ.