ޚަބަރު

ފުވައްމުލަކު ސިޓީން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އިޢުލާންކޮށްފި


ފުވައްމުލަކު ސިޓީގައި އަޅާފައިވާ 200 ހައުސިންގ ޔުނިޓްގެ ތެރެއިން 152 ހައުސިންގ ޔުނިޓަށް ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކޮށްފިއެވެ. ދާއިމީ ލިސްޓް އިޢުލާންކޮށްފައިވަނީ، ކުރިން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު އަލުން ރިވިއުކުރުމަށްފަހުގައެވެ.

ފުވަންމުލަކު ސިޓީގައި އަޅާފައިވާ 200 ހައުސިންގ ޔުނިޓަކީ މިދިޔަ ސަރުކާރުން އެރަށުގައި ހިންގި ހައުސިންގ މަޝްރޫއުއެކެވެ. މި ހައުސިންގ ޔުނިޓްތަކަށް ހޮވުނު މީހުންގެ ދާއިމީ ލިސްޓް މިދިޔަ އަހަރު އިޢުލާންކުރިނަމަވެސް، އެ ލިސްޓް އަލުން ރިވިއުކޮށް އެ މަސައްކަތް ކުރުމަށް ކައުންސިލްތަކާއި މި ސަރުކާރުން ޙަވާލުކުރިއެވެ. ލިސްޓް ރިވިއުކުރުން ކައުންސިލާއި ޙަވާލުކޮށްފައިވަނީ، ފްލެޓް ލިބޭ މީހުންނަކީ އެކަމުގެ އެންމެ ޙައްގުވެރި ފަރާތްތައްކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

ފުވައްމުލަކު ސިޓީގައި އަޅާފައިވާ ހައުސިންގ ޔުނިޓްތައް އަޅާފައިވަނީ 2 ކެޓަގަރީއަކަށެވެ. ކެޓަގަރީ އޭގައި ހިމެނެނީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޢަމާޒުކޮށްފައިވާ ހައުސިންގ ޔުނިޓްތަކެވެ. އަދި ކެޓަގަރީ ބީގައި ހިމެނެނީ ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ޚާއްސަ ހައުސިންގ ޔުނިޓްތަކެވެ. އެގޮތުން އާއްމުކުރި ލިސްޓުގައި ކެޓަގަރީ އޭއިން 137 ފަރާތް، އަދި ކެޓަގަރީ ބީއިން 15 ފަރާތަކަށް ވަނީ ހައުސިންގ ޔުނިޓް ލިބިފައެވެ.

ފްލެޓަށް އެދުމަށް ހުޅުވާލިި ފުރުޞަތުގައި ކުރިމަތިލާފައިވަނީ އޭ ކެޓަގަރީން 207 މީހުން އަދި ބީ ކެޓަގަރީން 22 މީހުންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ރައީސް ޢަބްދުﷲ ފަލާހް ވިދާޅުވީ ފޯމް ހުށައެޅި ބައެއް ފަރާތްތަކުން ފްލެޓް ބޭނުން ނުވެގެންނާއި، އަދި ޝަރުތު ހަމަނުވެގެން ލިސްޓުން އުނިކުރިކަމަށެވެ. ފަލާހް ވިދާޅުވީ ދާއިމީ ލިސްޓުގައި ހިމެނޭ 152 ފަރާތަކީ ފްލެޓަށް ކުރިމަތިލައި، ޝަރުތު ހަމަވި ފަރާތްތައްކަމަށެވެ.

ފުއައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ 200 ހައުސިންގ ޔުނިޓްގެ ތެރެއިން ބާކީ ހުރި 48 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމަށްވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނެނީ ކެޓަގަރީ އޭއިން 35 ހައުސިންގ ޔުނިޓާއި، ކެޓަގަރީ ބީގެ 5 ހައުސިންގ ޔުނިޓާއި، ވިއްކާ 5 ހައުސިންގ ޔުނިޓްކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެއެވެ.

ފަލާހު ވިދާޅުވީ ދާއިމީ ޕޮއިންޓް ދީފައިވާ އަދަދުތަކާއެކު، ލިސްޓަށް ހޮވުނު ފަރާތްތައް މިހާރު އާއްމުކޮށް ފެންނަގޮތަށް އިޢުލާންކޮށްފައިވާކަމަށެވެ. ދާއިމީ ލިސްޓް އިޢުލާންކޮށްފައިވަނީ ވަގުތީ ލިސްޓް އިޢުލާންކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ދިނުމަށް ފަހުއެވެ. ޝަކުވާއަށް ހުޅުވާލި ފުރުޞަތުގައި ޝަކުވާ ހުށައަލާފައިވަނީ 2 ފަރާތުންކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ރައީސް ފަލާހު ވިދާޅުވީ މިހާރު ކުރަމުންދަނީ ފްލެޓްތައް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. އޭނާ ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ގެތަށް އޭގެ ހައްޤުވެރިންނާއި ހަވާލުކުރާނެކަމަށެވެ.

ފުވައްުލައް ސިޓީގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކުގެ ކޮންސްޓަކްޝަން މަސައްކަތްތައް ނިމި 3 އަހަރުވާން ގާވްވެފައިވާއިރު، އެރަށުގެ ހައުސިންގ ފްލެޓްތައް ދޫ ނުކުރެވިފައިވަނީ ފެނާއި ނަރުދަމާއާއި، ކަރަންޓު ވައިރުކުރުމުގެ މަސައްކަތްތައް ނުނިމި ހުރުމާ ގުޅިގެންނެވެ. ނަމަވެސް އެރަށުގެ ފްލެޓްތަކުގެ ކަރަންޓާއި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށް ކުރަމުންދާކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ފުވައްމުލައް ސިޓީއަކީ އާބާދީގައި ތޭރަ ހާހެއްހާ މީހުން ހިމެނޭ ރަށެކެވެ. އެރަށުގައި އިތުރު 800 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުންވަނީ ނިންމާފައެވެ.