ޚަބަރު

ޙައްޖާ ގުޅުންހުރި ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ އިތުބާރު ބޮޑުކުރުމަށް މަސައްކަތް ކުރާނަން - އިސްލާމިކް މިނިސްޓަރ


ޙައްޖާ ގުޅުންހުރި ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްސް ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ 1440ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު ރާއްޖެއައި ޙައްޖާޖީންނަށް މަރުޙަބާދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައެވެ.

1440ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތަށް ފުރިހަމަ ކުރުމަށް ސަރުކާރުންވަނީ ވުޒާރާތަކާއި، މުއައްސަސާތަށް އަދި ކުންފުނިތަށް ގުޅިގެން ގިނަ ޚިދުމަތްތަކެއް ދީފައެވެ. އެގޮތުން އެއަރޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތާއި އެއަރޕޯޓަށް ފުރުވަން އަދި ބަލާ ދާފަރާތްތަކަށް އަދި ޗެކިން ވުމަށްވެސް ފަސޭހަ އިންތިޒާމުތަކެއްވަނީ ހަމަޖައްސަވާފައެވެ.

1440ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު ރާއްޖެއައި ޙައްޖާޖީންނަށް މަރުޙަބާދެންނެވުމަށް ސަރުކާރުގެ ފަރާތުން ނާއިބުރައީސް ފައިސަލް ނަސީމާއި، އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރާއި، ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޙައްޖާޖީންނަށް މަރުހަބާދެންނެވުމުގެ ކުރިން ނާއިބު ރައީސް ފައިޞަލް ނަސީމްވަނީ ހައްޖުގެ އަޅުކަމުގެ އިންތިޒާމުތަށް ހަމަޖެއްސުމުގައި ޙަރަކާތްތެރިވި މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. 1440ވަނަ އަހަރުގެ ހައްޖުގެ އަޅުކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރުވަނީ މިފަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމުގައި އެއްވެސް މައްސަލައެއް މެދުވެރިނުވާކަން ފާހަގަކުރައްވާފައެވެ.

އަދި ކުރިއަށް އޮތްތަނުގައި ޙައްޖާއި ގުޅުންހުރި ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިއިތުބާރު އިތުރަށް ޔަޤީންކުރުމަށް ޚިދުމަތްތަކުގެ ފެންވަރު ކަށަވަރު ކޮށްދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ރާއްޖެއިން 2000 ކޯޓާއަށް ހައްޖާޖީން ފޮނުވާފައިވާއިރު، ޙައްޖުގެ އަޅުކަމަށްފަހު އެމީހުންވަނީ މިފަހަރު ސަރުކާރުން ހަމަޖައްސާދެއްވާފައިވާ އިންތިޒާމުތަކުގެ ފުރިހަމަކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

ޙައްޖާ ގުޅުންހުރި ކަންކަމުގައި މިހާރަށްވުރެ ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް މަސައްކަތް ކުރައްވާނެކަން އިސްލާމިކް މިނިސްޓަރ ހާމަކުރައްވާފައިވާއިރު، އަންނަ އަހަރުގެ ހައްޖުގެ އަޅުކަން ފަހިކޮށްދިނުމަށް މިހާރުންފެށިގެން މަސައްކަތް ފަށާފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. އެގޮތުން ހައްޖާއި އުމްރާގެ ކަންކަން ފަހިކޮށްދިނުމަށް ޖިއްދާގައި ކޮންސިއުލޭޓް އޮފީހެއްވެސް މިހާރުވަނީ ހުޅުވާފައެވެ.