ޚަބަރު

ކައުންސިލްތަކުގެ ހަޤީޤީ ދުވެލި ފެނިގެންދާނީ 2020 ވަނަ އަހަރުގެ ބަޖެޓް ފާސްވެ މަސައްކަތްތަށް ފެށުމުން - އަމީރު


ކައުންސިލްތަކުގެ ހަޤީޤީ ދުވެލި ފެނިގެންދާނީ 2020 ވަނަ އަހަރުގެ ބަޖެޓް ފާސްވެ މަސައްކަތްތަށް ފެށުމުންކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ސަރުކާރުން ދަނީ ލާމަރުކަޒީ ނިޒާމު ފައްކާކޮށް، ކައުންސިލްތަށް ބާރުވެރިކޮށް މާލީ ފުދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ލާމަސީލު ކައުންސިލްތަކުގެ އަގުވަޒަންކޮށް ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭއިން ދެމުންއަންނަ "ކަންގަތި އެވޯޑް" ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވަނީ، މި ސަރުކާރުގެ ޖަޒީރާ މެނިފެސްޓޯގެ މައި އެއް އަސާސަކީ ކައުންސިލްތައް ބާރުވެރިކުރުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައިސް މި ވީ ނުވަ މަސް ދުވަހުގެ ތެރޭގައި ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.

އެގޮތުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ފިނޭސް މިނިސްޓްރީގައި ލޯކަލް ކައުންސިލް ޔުނިޓްއެއް ޤާއިމުކުރައްވާ ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އަލުން ދޭން ފަށާ، ބަޖެޓުން ބާކީވާ ފައިސާ ދެންއަންނަ އަހަރުގެ ކަންކަމަށް ބޭނުންކުރުމަށް ފަހި ނިޒާމުތަކެއް ހަމަޖައްސަވާފައިވާކަންވެސް މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކުގެ ހަޤީޤީ ދުވެލި ފެނިގެންދާނީ 2020 ވަނަ އަހަރުގެ ބަޖެޓް ފާސްވެ މަސައްކަތްތައް ފެށުމުންކަން ފާހަގަކުރައްވާ މިނިސްޓަރ އަމީރު ވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ އެކި ތަންތަނުން ކުލީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑު ބައެއް ކައުންސިލްތަކަށް ވަންނާނެ އުސޫލެއް ޤާއިމްކުރެވިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރ އަމީރުވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެލްޖީއޭއިން ކައުސިލްތަކުގެ ހިސާބުކިތާބު ބެލެހެއްޓުމަށް އުފައްދާ "ފައިނޭންޝަލް ސޮފްޓްވެއަރ" ހުރިހާ ކައުންސިލަކަށް ރޯލް އައުޓްކުރެވޭނެކަންވެސް ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އަމީރުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ކައުންސިލްތަކަށް ފަސޭހަ މަގުތައް ފަހިކޮށްދޭއިރު، ކައުންސިލްތަކުގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާގެ މަތިންވެސް ހަނދާން އާކޮށްދެއްވާފައެވެ. އެގޮތުން އެމަނިކުފާނުވަނީ ކައުންސިލްތަކުން ޚިދުމަތްދިނުމުގައި މައި ސަރުކާރާއި، މުއައްސަސާތަކާއި ގުޅިގެން ދެފުށް ފެންނަ ނިޒާމަކުން ޚިދުމަތް ދިނުމަށް ގޮވާލައްވާފައެވެ.