ރިޕޯޓް

މަންޓާ ފެސްޓިވަލް ސެޕްޓެމްބަރު 20އިން 21އަށް


ސެޕްޓެމްބަރު މަހުގެ 20އިން 21އަށް އޭދަފުށީގަ ބާއްވާ ހަމަޖެހިފައިވާ 2ވަނަ މަންޓާ ފެސްޓިވަލް، ރާއްޖޭގައި ބޭއްވި ފުރަތަމަ މަންޓާ ފެސްޓިވަލްއަށްވުރެ މިފެސްޓިވަލް ތަފާތުވާނެކަމަށް ބަޔޮސްފިއަރ ރިޒާވް އޮފީހުން ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ބޮޑު ޢީދެއްގޮތުގައި ސިފަކުރާ މަންޓާ ފެސްޓިވަލް މިދިޔަ އަހަރު ބާއްވާފައިވަނީ ބ.އަތޮޅު ދަރަވަންދޫގައެވެ. މިއަހަރުގެ ފެސްޓިވަލް އޭދަފުށީގައި ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ބަޔޮސްފިއަރ ރިސާވް އޮފީހާއި ބ.އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލާއި މަންޓާ ޓްރަސްޓާއި ފޯސީޒަން ލަނޑާ ގިރާވަރުން އަންނަނީ ތައްޔާރުވަމުންނެވެ.

މިއަހަރުގެ ފެސްޓިވަލް ދެދުވަހަށް ކުރިއަށްގެންދިޔުމަށް ރާވާފައިވާއިރު، މިފެސްޓިވަލްގައި ތަފާތު ކުޅިވަރު ޙަރަކާތްތަކާއި ހަނިފަރަށް ޒިޔާރަތްކޮށް މަންޓާ ބެލުމާއި ސްކޫބާ ޑައިވް ކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ބަޔޮސްފިއަރ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ ޢާއްމުން ތިމާވެށްޓަށް ހޭލުންތެރި ކުރުވުމަށް ބައްވާ މިފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ހުޅުވާލާފައިވާކަމަށެވެ. އަދި މިފެސްޓިވަލުން ފޯރުކޮށްދޭ ތިމާވެއްޓާ ގުޅުންހުރި މަޢުލޫމާތު ޢާންމުންނާ ޙިއްޞާކޮށް ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ފަރުތަކަށް ވަމުންދާ ގެއްލުންތައް ފޯރުކޮށްދިނުމަކީ މިފެސްޓިވަލް ބޭއްވުމުގެ އެންމެބޮޑު އެއް ބޭނުންކަމަށް ޝާފީ ޢަލީ ވިދާޅުވިއެވެ.

މިއަހަރުގެ ފެސްޓިވަލްގައި މިހާތަނަށް 12 ރިސޯޓަކުން ބައިވެރިވާގޮތައް ވަނީ ނިންމާފައެވެ. އަދި މީގެއިތުރުން އޭދަފުށީގައި އުފައްދާފައިވާ ޖަމްޢިއްޔާ ތަކުންވެސް މިއަހަރު މިފެސްޓިވަލްގައި ބައިވެރިވާނެއެވެ. މިދިޔަ އަހަރާ ޚިލާފަށް މިއަހަރު ބާއްވާ މިފެސްޓިވަލްގައި ބ.އަތޮޅުގެ އިތުރުން ރ.އަތޮޅާއި، ކ.އަތޮޅު ސުކޫލްތަކުންވެސް ބައިވެރިވާނެއެވެ. ރާއްޖޭގައި ތިމާވެށީގެ ގޮތުން މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ވިޔަފާރިކުރާ ފަރާތްތަކުންވެސް މިއަހަރު ބައިވެރިވާނެ ކަމަށް ބަޔޯސްފިއަރ ރިޒާވް އޮފީހުން ވިދާޅުވެއެވެ.

ބ.އަތޮޅުގައި ފަތުރުވެރިކަންކުރާ ގިނަ ރިސޯޓްތަކުން ބައިވެރިވާ މިޙަރަކާތުގައި ކޮންމެ ރިސޯޓަކުންވެސް ސްޓޯލެއް ހަދައި ޒިޔާރަތްކުރާ ފަރާތްތަކަށް މަންޓާއާއި ފެހުރިއްސާއި ބ.އަތޮޅުގައި ޙިމާޔަތްކޮށް ބަލަހައްޓާ ތަންތަނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި ކަނޑުގެ އެހެނިހެނިހެން ދިރުންތަކާއި ތިމާވެއްޓަށް ކުރިމަތިވާ ނޭދެވޭ ކަންކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ އަސަރުތަކާބެހޭ މަޢުލޫމާތުވެސް މިފެސްޓިވަލްގެތެރެއިން ލިބިގެންދާނެއެވެ.