ޚަބަރު

އެމެރިކާގެ ސިޔާސަތުތަކަށް ޒެލެންސްކީ ފާޑުވިދާޅުވެއްޖެ


ފާއިތުވި ދެ ދުވަހުގެ ތެރޭގައި ރަޝިއާއިން ޔޫކްރެއިންގެ އެކި ސަރަޙައްދުތަކަށް ދިން ހަމަލާތަކުގައި 78 މީހުން މަރުވެ، އިތުރު 215 މީހުން ޒަޚަމުވުމާއެކު، އެމެރިކާއިން އެކަށީގެންވާ ގޮތެއްގައި އެހީތެރިވުމަށް ބޭނުންނުވާ ކަމަށް ވިދާޅުވެ ޔޫކްރެއިންގެ ރައީސް ވޮލޮދޮމީރް ޒެލެންސްކީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ރަޝިއާއިން އެންމެ ފަހުން ދީފައިވާ ހަމަލާތަކުގެ ތެރޭގައި ކްރަމަތޮރްސްކްގައި ފަސިންޖަރުން އުފުލާ ދެ ބަހަކަށް އަމާޒުކޮށް އޮކްޓޫބަރު 8 ވަނަ ދުވަހު ދިން ހަމަލާއާއި، ޕްރިލޫކީގައި ޢާންމުން ދިރިއުޅޭ އިމާރާތަކަށާއި ވެރިރަށް ކީވްއަށް ދިން ހަމަލާތައް ހިމެނެއެވެ. ކްރަމަތޮރްސްކްގެ ކަމާބެހޭ އިދާރާތަކުން ބުނީ އެ ސަހަރުން އެކަނި ވެސް ޖުމުލަ 35 މީހުން މަރުވެފައިވާ ކަމުގައެވެ.

އެމެރިކާއިން މި ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާކަމަށް ބުނާއިރު، އަނެއްކޮޅުން ރަޝިއާއާއެކު 'ނޯޑް ސްޓްރީމް' ގޭސް ހޮޅި ތަރައްޤީކުރަން އިންވެސްޓުކުރުން ފަދަ އިޤުތިޞާދީ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރާތީ ޒެލެންސްކީ ވަނީ އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ހަނގުރާމަ ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވި ވާހަކަފުޅަށް ރައްދުދެއްވައި ޒެލެންސްކީ ވިދާޅުވީ، އެއީ "އެހީވާން ބޭނުންނުވާތީ" ފާޅުގައި ރޫބިއޯ ދައްކަވާފައިވާ ބަހަނާއެއް ކަމުގައެވެ. "އެއްކޮޅުން ރަޝިއާއާއެކު މުސްތަޤުބަލުގެ އިޤުތިޞާދީ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުން، އަނެއްކޮޅުން މިއީ ޑިޕްލޮމެޓިކް ގޮތުން މަޑުޖެހިފައިވާ ހާލަތެކޭ ބުނުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެކަމެއް ނޫން،" ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާގެ ބެލިސްޓިކް މިސައިލް ނިޒާމުތަކަށް އަމާޒުކޮށް ކާމިޔާބު ހަމަލާތަކެއް ދިނުމަށް ޓަކައި ސްޓާލިންކް ސެޓެލައިޓްގެ ޚިދުމަތް ޔޫކްރެއިންއަށް ފުޅާކޮށްދިނުމަށް ވެސް ޒެލެންސްކީ ވަނީ އެމެރިކާއަށް ގޮވާލައްވާފައެވެ. "ޔޫކްރެއިންއަށް ސްޓާލިންކް ހުޅުވާލަދީ. އީރާނަށް ރައްދުދިންއިރު ތިޔަބޭފުޅުން [އެމެރިކާގެ ސަރުކާރު] އެ ކަން ކޮށްދެއްވި،" ޒެލެންސްކީ ވިދާޅުވިއެވެ. އަދި، ޔޫކްރެއިންގެ ވައިގެ ސަރަޙައްދު ދިފާޢުކުރުމަށް އެހީތެރިވެދިނުމަށާއި، އެ ސަރަޙައްދުގައި ބާރުގަދަކުރުމަށް އެހީތެރިވެއްޖެނަމަ ރަޝިއާގެ ރައީސް ވްލަޑިމިޔަރ ޕުޓިން މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިއާއިން މެދުކެނޑުމެއްނެތި ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުގައި ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ، އުމްރާނީ ވަސީލަތްތަކަށް ގެއްލުން ލިބެމުންދާ ކަމުގައި ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. "ރަޝިއާއިން ގަސްދުގައި ޢާންމުންނަށް އަމާޒުކޮށް ހަމަލާދެމުންދޭ. ފަސިންޖަރުން ފުރިފައިވާ ބަހެއް އެއީ ރަޝިއާއަށް ވަރަށް ރަނގަޅު އަމާޒެއް، ސަބަބަކީ އެންމެ ހަމަލާއަކުން ވީހާވެސް ގިނަ ބަޔަކު މަރާލެވޭނެތީ،" ކްރަމަތޮރްސްކްގެ ސަރަހައްދީ ގަވަރުނަރު ވަޑިމް ފިލާޝްކިން ވިދާޅުވިއެވެ. މަޝްވަރާތަކުގައި ޔޫކްރެއިން ތަމްސީލުކުރާ ނެގޯޝިއޭޓަރުން އެމެރިކާއަށް ގޮސް، ވައިގެ ދިފާޢީ ނިޒާމުތައް ހޯދުމަށާއި ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލުމަށް ނިންމާފައިވާ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ.