ވިޔަފާރި

ބެސްޓް ސްޕާ ޑެސްޓިނޭޝަނަކަށް ރާއްޖެ ހޮވުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް


އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ސްޕާގެ ޙިދުމަތްދޭ މަންޒިލަކަށް ރާއްޖެ ހޮވުމަށް ވޯޓުލުން މިމަހުގެ 19 ވަނަ ދުވަހު ހަމަވާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެވޯޑެއް ކަމަށްވާ 'ވޯލްޑް ސްޕާ އެވޯޑްސް'އަށް މިއަހަރުވެސް ރާއްޖެ ވަނީ ނޮމިނޭޓްވެފައެވެ. ރާއްޖެ ނޮމިނޭޓްވެފައިވަނީ 'އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން' ކެޓަގަރީންނެވެ.

މި އެވޯޑަށް ރާއްޖެއަށް ވޯޓުލުން މިމަހުގެ 19 ވަނަ ދުވަހު ބަންދުވާއިރު، ރާއްޖެއަށް ވޯޓުލުމަށްޓަކައި ވޯލްޑް ސްޕާ އެވޯޑްގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށްފަހު ފަސޭހަކަމާއިއެކު ވޯޓުލެވޭނެއެވެ. ރާއްޖެއިން ވަނީ މި އެވޯޑް ދޭން ފެށިފަހުން ކޮންމެ އަހަރަކުވެސް މި އެވޯޑް ކާމިޔާބުކޮށްފައެވެ.

މި އެވޯޑަށް ރާއްޖެއާ ވާދަކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައި މި ސަރަޙައްދުގައި ރާއްޖެއާއި އެންމެ ވާދަވެރި ދެ ޤައުމު ކަމުގައިވާ މޮރިޝަސް އަދި ސީޝެލްސްއެވެ.

މިއަހަރުގެ އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރުމަހު ދުބާއީގެ ބުރުޖް ޙަލީފާގައެވެ. ވޯލްޑް ސްޕާ އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑްކަމުގައިވާ 'ވޯލްޑް ޓްރެވަލް އެވޯޑްސް' އިންތިޒާމްކުރާ ފަރާތުން ބާއްވާ އެވޯޑެކެވެ.

މި އިވެންޓަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ސްޕާ އަދި ވެލްނަސްގެ ދާއިރާ ކުރިއެރުވުމަށް މުޙިއްމު މަޝްވަރާތަކެއް ކުރުމަށް ލިބޭ ފުރުސަތެކެވެ.