ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ބައި-އިލެކްޝަނުގައި 4،429 މީހުންނަށް ވޯޓުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓު އަދި، އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ކައުންސިލް އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ. މީގެ އިތުރުން (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށްވެސް އެކޮމިޝަނުން މައުލޫމާތުދެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުން ދައްކާގޮތުގައި ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 4،429 މީހުންނަށެވެ.
ވޯޓުލާ މީހުންގެ ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ މި މަހުގެ 24ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
• ވ. ތިނަދޫ: 185 މީހުން
• ހއ. ވަށަފަރު: 688 މީހުން
• ނ. ކުޑަފަރި: 653 މީހުން
• އައްޑުއަތޮޅު އައްޑޫ ހުޅުދޫ: 2903 މީހުން
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި މުއްދަތުގައި ލިސްޓް ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ލިސްޓަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުން ނުވަތަ ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީތަކުން ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ޖެހޭނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.
ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ، ހއ. ވަށަފަރު، ނ. ކުޑަފަރި، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައެވެ.
ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް މިމަހުގެ 26 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ މިކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް މި މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ ނުވަތަ މައްސަލަތައް ފޮނުވަން ބޭނުންވާ ފަރާތްތަކަށް "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް [email protected] ފޮނުވުމަށްވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. ފޯމު މި ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.