ޚަބަރު

ބަނގުރަލާއެކު ހައްޔަރުކުރި މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފި


  • ހައްޔަރުކުރީ ބަންގްލަދޭޝް 3 މީހުން

  • 826 ފުޅި ބަނގުރާ އަތުލައިގަނެފައިވޭ

މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރަލާއެކު ހައްޔަރުކުރި މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން (34އ) އާއި، ޕޮލިން (43އ) އާއި، އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ. މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް އަމީން އަދި ޕޮލިން 5 ދުވަހަށް އަދި އެމް.ޑީ. ރަކިބް ހޮސެން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.



މި މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގައި ފުޅާ ދާއިރާއެއްގައި ޤަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރު ގެއެއް ބަލައިފާސްކޮށްފައެވެ. މި އޮޕަރޭޝަންގައި 826 ފުޅި ބަނގުރާ އަތުލައިގަނެފައިވެއެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.