ޚަބަރު

ވައިގަދަވެ، ތިނަދޫގެ 5 ގެއެއްގެ ފުރާޅު އެއްލާލައިފި


ގދ.ތިނަދުއަށް ރޭ ކުރި ވިއްސާރާގައި އެރަށުގެ 5 ގެއެއްގެ ފުރާޅު އެއްލާލައި ބައެއް ގެތަކަށް އެކިވަރުގެ ގެއްލުންވެއްޖެއެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ގދ. ތިނަދޫ ކައުންސިލުގެ ރައީސް، އިބްރާހިމް އަސްއަދު ވިދާޅުވީ ފުރާޅު އެއްލާލި ގެތަކުގެ ތެރޭގައި އެރަށު ކުނި ކޮށި ކައިރީގައި އަލަށް ހަދަމުންދިޔަ ގެއަކާއި މީހުން ދިރިއުޅެމުންދާތާ އަހަރެއް ނުވާ ގެއެއްވެސް ހިމެނޭ ކަމަށެވެ. އަދި ދަޑުކޮޑޭ ސަރަހައްދުގެ ގެއެއްގެ ފުރާޅު އެއްލައިގެން ގޮސް 100 ފޫޓު ދުރުގައި ހުރި ގެއެއްގެ ފުރާޅުގައި ޖެހި އެކިވަރުގެ ގެއްލުންވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލުން ބުނީ ވިއްސާރާގައި ފުރާޅު އެއްލާލައި މުދަލާއި ތަކެއްޗަށް ގެއްލުންވި ގެތަކުގެ މައުލޫމާތު މިހާރު ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ހިއްސާކޮށްފައިވާކަމަށެވެ. އަދި ގެއްލުންވި ގެތަކުގު އެސެސްމަންޓު ހަދަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.