އަތޮޅުތައް

ދެ ރަށެއްގައި އައިސްޕްލާންޓް ހަދާނެ ބަޔަކު ހޯދަނީ


ދެ ރަށެއްގައި އައިސްޕްލާންޓް ހެދުމުގެ މައްސައްކަތްކުރާނެ ބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.

އައިސްޕްލާންޓް ޤާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާ 2 ރަށަކީ ކ. ގާފަރާއި ރ. މަޑުއްވަރީއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މިދެ މަޝްރޫޢަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އެން.ސީ.ބީ އުޞޫލުގެ މަތިންކަމަށާއި، ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް ފަސްސަތޭކަ ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށެވެ.

މިއިން ކޮންމެ މަޝްރޫޢަކަށްވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި ތިރީސް ހާސް ރުފިޔާ ހުށަހަޅަންޖެހެއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަމަހުގެ 4 ވަނަ ދުވަހުކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ގާފަރާއި މަޑުއްވަރީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސޯލްޓް ވޯޓަރ އައިސްޕްލާންޓެކެވެ. މަސް ކިރުވޭގޮތް ނުވުމާއި، އައިސް ނުލިބުމަކީ މަސްވެރިންގެ ފަރާތުން އާއްމުކޮށްވެސް ލިބެމުން އަންނަ ޝަކުވާއެކެވެ. މިކަމަށް ހައްލެއް ގެނެއުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ސަރުކާރުގެ ނޫ އިޤްތިޞާދުގެ ދަށުން ހާޞިލުކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައިވެސް މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން މުހިއްމު ކަންތައްތަކެއް ހިމަނާފައިވެއެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢާތުގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ ފުޅާކުރުމާއި، ކަނޑުރޯދީގެ ތަނަވަސް މަންފާ ހޯދައިދިނުމަށްޓަކައި ދިވެހި މަސްވެރިން ބާނާ މަސް، ސީދާ ބޭރުގެ މާކެޓަށް ވިއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި ކަންނެލީގެ މަސްވެރިކަން ފުޅާކުރުމަށްޓަކައި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމްތަކެއް ޤާއިމުކޮށް، ތެލާއި އައިސް އަދި މަސްދޯނިފަހަރަށް ބޭނުންވާ ސާމާނު އެތަންތަނުން ލިބޭނެ މަގު ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.