ވިޔަފާރި

އުފެއްދުންތެރިކަމުގެ މަޢުރަޒާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ތިނަދޫގައި ބާއްވައިފި


މިއަހަރު ނޮވެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ "ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު 2019" އާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ތިނަދޫގައި ބާއްވްވައިފިއެވެ.

ގދ. ތިނަދޫ ކައުންސިލް އިދާރާގައި ތިނަދޫ ބިޒްނަސް ސެންޓަރުގެ ފަރާތުން އިއްޔެ ރޭ ބޭއްވި އެ ބައްދަލު ވުމަކީ ރަށުގެ މުއައްސަސާތަކާއި ފަންނު ވެރި އަމިއްލަ ފަރާތްތަކާ ބައްދަލުކޮށް މަޢުރަޒާ ބެހޭ މަޢުލޫމާތު ދިނުމަށް ބޭއްވި ޝެޝަނެކެވެ. އެ ޝެޝަނުގައި ތިނަދޫގެ އެކި ފަރާތްތަކުން ބައިވެރިވިއެވެ. މިސެޝަންގައި ވަނީ މައުރަޒުގައި ދައްކާލެވިދާނެ އެކި އުފެއްދުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު މިމަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މިމަޢުރަޒުގައި ހަތް ދާއިރާއަކުން ބައިވެރިވެ، އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު ލިބެއެވެ.

  • ވަކިވަކި ފަރުދުންގެ ދާއިރާ
  • ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
  • ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)
  • ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
  • ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
  • ކްލަބު ޖަމްޢިއްޔާ ތަކުގެ ދާއިރާ

މިއަހަރު ބާއްވާ މަޢުރަޒުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާރކެޓެއް ހޯދައިދީ ދިވެހި އުފެއްދުންތައް ކުރިއެރުވުމެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މައުރަޒު މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ ޢާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާޙައުލެއް ޤާއިމް ކޮށްދިނުމުގެ އިތުރުން އުވެމުން އަންނަ ދިވެހި އުފެއްދުންތަކާ މާރކެޓަށް އަލަށް ނެރޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތު ތައް ހޯދައި ދިނުމަކީވެސް މި މަޢުރަޒުގެ މަޤްޞަދުތެރޭގައި ހިމެނޭ ކަމެކެވެ.