ޚަބަރު

ބޮޑު ޢީދު ފާހަގަކުރަން ތިނަދޫގައި ގިނަ ޙަރަކާތްތަކެއް


މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ގދ. ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާ (ޑަބްލިއު.ޑީ.ސީ)އިން އިސްނަގައިގެން "އީދު ކުޅިސަމާ"ގެ ނަމުގައި ގިނަ ކަންތައްތަކެއް ހިންގަން ރާވައިފި.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ މެމްބަރު، އާތިކާ މުޙައްމަދު ވިދާޅުވީ ތިނަދޫގައި ޢީދު ފާހަގަ ކުރުމަށްޓަކައި އެރަށު ކައުންސިލާ ގުޅިގެން ރަށުގެ މުއައްސަސާ ތަކުގެ އެއްބާރު ލުމާއެކު ގިނަ ކަންތައް ތަކެއް ރާވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އީދު ބަޑިއާއި، ކުލަޖެހުން، ވާ ދެމުން، ބޮޑުމަސް، އޮބްސްޓެކްލް ރޭސް، މިއުޒިކް ޝޯއެއް، ވެސް ހިމެނޭ ކަމަށް އާތިކާ ވިދާޅުވިއެވެ.

އީދު މިފެށެނީ އީދު މަޅިން. އީދު މަޅި ފެށުމަށް ހަމަޖެހިފަ މިވަނީ ހުޅަނގު ފަރާތު އަތިރި މަތިން ބޮޑުބެރުގެ ޙަރަކާތަކާ އެކުއެވެ. އޭގެ ފަހުން ޢީދު ނަމާދަށްފަހު ރަށުގެ ތިން މިސްކިތަކަށް ބޮނޑިބަތް ބަހާނެއެވެ. މިއަދު އޮންނަ ކުލަ ޖެހުން މުޅި ރަށަށް ހުޅުވާލެވިފަވޭ. ކުލަ ޖެހުން ކުރިއަށް ދާއިރު ޔުނިފޯމުގަ ތިބޭ އެއްވެސް ބައެއްގެ ގަޔަށް ކުލަ ޖެހުމަކީ މަނާ ކަމެއް. އީދު ދުވަހު ހަވީރު އޮންނާނެ ވަރަށް ފޯރިގަދަ މާލި ޕެރޭޑެއް. އީދުގެ ދެވަނަ ދުވަހު ކޯޑި ކެނޑުން އޮންނާނެ. އަދި މެންދުރު ފަހުން ދެ ޖިންސު ވަކިން ފެތުމުމުގެ މުބާރާތެއް އޮންނާނެ. އެއަށްފަހު އޮބްސްޓެކްލް ރޭސް އެއް އޮންނާނެ. އެދުވަހު ހަވީރު މަސްރޭސް އޮންނާނެ. އަދި އީދުގެ ތިން ވަނަ ދުވަހުގެ ރޭ ވާދެމުމާއެކު އީދު ޝޯ ކުރިއަށްދާނެ،" އާތިކާ ވިދާޅުވިއެވެ.

އީދު ފާހަގަކުރުމަށްޓަކައި ތިނަދޫގައި ރަށު ފެންވަރުގައި އެއްވެސް ކަމެއް ނުކުރާތާ އަހަރުތަކެއް ވެފައިވާއިރު، މިއަހަރުގެ އަޟްޙާ އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ތިނަދޫގެ ޑަބްލިއުޑީސީން ނިންމާފައިވަނީ ރަށުގެ އެއްބައިވަންތަ ކަމާއި އެކުވެރި ކަމުގެ ރޫޙު ދިރުވައި އާލާ ކުރުމުގެ ގޮތުންނެވެ. އަދި އީދު ކުޅިވަރުތަކާއި ޙަރަކާތް ތަކަކީ ޒަމާންވީ ސަޤާފަތެއް ކަމުން އެފަދަ ކަންކަން ކުރިއަށް އޮތް ޖީލުތަކަށް ދައްކައި، އަންގައި ދިނުމަކީ ޖަމިއްޔާގެ މަޤްޞަދެއް ކަމަށްވެސް އެޖަމިއްޔާއިން ބުންޏެވެ.

ތިނަދޫގައި ޢީދު ފާހަގަކުރުމަށް ގިނަ ތައްޔާރީތަކެއް ވަމުންދާއިރު، މިކަންކަމަށް އެންމެބޮޑު އެހީތެރި ކަމެއް ދީފައިވަނީ އެރަށު ކައުންސިލުންނެވެ. އަދި އޭގެ އިތުރުން ރަށުގެ ވިޔަފާރަވެރިންނާއި އަމިއްލަ ފަރާތްތަކުންވެސް އެކަމަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.