ވިޔަފާރި

ތިނަދޫގައި ގޭސް ޕްލާންޓް ޤާއިމްކުރުމަށް ބޭނުންވާ ތަކެތި ގެންނަން ފަށައިފި


މޯލްޑިވް ގޭހުން ޤާއިމް ކުރާ އެންމެ ބޮޑު ގޭސް ޕްލާންޓް ގދ. ތިނަދޫގައި ޤާއިމްކުރުމަށް ބޭނުންވާ ޓޭންކް ބުޑުތަކާއި އެހެނިހެން ސާމާނު ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރ، ޝަޒާއިލް ޝިޔާމް ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެތަނުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ.

5.8 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން މިހާރު ވަނީ ޕްލާންޓުގެ ވެއަރ ހައުސް އަޅައި ނިމިފައެވެ. ޝަޒާއިލް ވިދާޅުވީ އެންމެ އަވަހަށް ދެން ކުރުމަށް ހަމަޖެހިފައިވަނީ ޕްލާންޓްގައި ކުރަން ޖެހޭ ކޮންސްޓްރަކްޝަން މަސައްކަތް ކަމަށެވެ. އެގޮތުން އެ ޕްލާންޓުގައި ބަހައްޓާ ޓޭންކު ބުޑުތަކާއި ސާމާނު މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށާއި އަންނަ ޑިސެމްބަރު މަހަށް ޕްލާންޓުން ޚިދުމަތް ދޭން މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޕްލާންޓް ގދ. އަތޮޅުގެ އެހެން ރަށަކަށް ބަދަލު ކުރުމަށް ނިންމާފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައްވެސް ޝަޒައިލް ދޮގުކުރެއްވިއެވެ. އޭނާ ވިދާޅުވީ ގޭސް ޕްލާންޓް ތަރައްޤީ ކުރަން ހަމަޖެހިފައި ވަނީ ތިނަދޫގައި ކަމަށެވެ.

ތިނަދޫގައި މޯލްޑިވް ގޭހުން ތަރައްޤީ ކުރާ ޕްލާންޓް ހަދަނީ 90،000 އަކަފޫޓުގެ ބިމެއްގައެވެ. ތިނަދޫ ދެކުނު ފަރާތު ޖެޓީ ސަރަހައްދުގައި އޮންނަ އެ ބިމުގައި އެކުންފުނިން ތަރައްޤީ ކުރާ މިޕްލާންޓަކީ މިހާތަނަށް އެކުންފުނިން އަޅާ އެންމެ ބޮޑު ގޭސް ޕްލާންޓެވެ. އެގޮތުން އެ ޕްލާންޓުގައި 1500 ޓަނުގެ ގޭސް އުފައްދައި، ރައްކާ ކުރެވޭނެ ކަމަށް މޯލްޑިވް ގޭސް އިން މަޢުލޫމާތު ދެއެވެ.

މިފަދަ ބޮޑު ޕްލާންޓެއް ތިނަދޫގައި ޤާއިމްކުރުމާ ގުޅޭގޮތުން ތިނަދޫ ކައުންސިލުން ބުނީ މިގޭސް ޕްލާންޓުން ދެކުނުގެ ހަތަރު އަތޮޅަށް އޭގެ ފައިދާ ފުރިހަމަ ގޮތެއްގައި ލިބިގެންދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމުގައެވެ.

ގދ. އަތޮޅުގެ ވެރިކަން ކުރާ، ގދ. ތިނަދޫގައި މިހާރު ގޭސް ވިއްކަނީ އެސްޓީއޯ ތިނަދޫ ބްރާންޗުންނެވެ.