އަތޮޅުތައް

ގދ. ތިނަދޫ އައިސްޕްލާންޓުހުރި ސަރަހައްދުގެ ޖެޓީ ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި


ގދ. ތިނަދޫ އައިސްޕްލާންޓުގެ ޖެޓީ ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފިއެވެ.

އެމް.ޓީ.ސީ.ސީއާއެކު އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ ޙަސަން ޝާޙެވެ.

މި އެއްބަސްވުމުގެ ދަށުން ތިނަދޫގައި މިފްކޯއިން ހިންގަމުންދާ އައިސްޕްލާންޓު ހިމެނޭ ސަރަޙައްދުގައި 9245 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކާ، 130 މީޓަރުގެ ޝީޓް ޕައިލް ކީވޯލް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 10 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ، 620 ސްކޮއަރ މީޓަރުގެ ޕޭވްމަންޓު ހެދުމުގެ އިތުރުން ބަނދަރު ސަރަޙައްދުގައި 9 ލައިޓް ހަރުކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައިފައެވެ.

ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 17.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އެމް.ޓީ.ސީ.ސީއަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގެ ޕްލޭން އާއްމު ރައްޔިތުންނާއި ހިއްސާކޮށް، އެކަންކަމުގައި އާއްމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުން "ޖަޒީރާ ހޮޅުއަށި"ގެ ތިންވަނަ ބައްދަލުވުން މިދިޔަމަހު ގދ. ތިނަދޫގައި ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ތިނަދޫ އައިސްޕްލާންޓަށް ޒިޔާރަތްކުރައްވާ، އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.