ޚަބަރު

އެންދަމަން ޑައިވިނަށް ދިޔަ މަސްވެރިއަކު މަރުވެއްޖެ


ގދ.އަތޮޅުގައި އެންދަމަން ނުކުމެ އޮތް ދޯންޏަކުން ޑައިވިންއަށް ދިޔަ މަސްވެރިއަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި މަރުވެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ ޢުމުރުން 45 އަހަރުގެ ފިރިހެނެކެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 16:30 ހާއިރު މަސް ދޯންޏެއްގައި، އެ ދޯނީގެ ކެޕްޓަން ގދ.ކޮނޮއްްޓާ ކައިރީގައި އޮންނަ ތިލަޔަކުން އެންދެމުމަށް ފުޅި އަޅައިގެން މޫދަށް ފޭބި ގޮތަށް ޚަބަރެއް ނުވެގެން ދޯނީގައިތިބި ދެމީހުން އޭނާ ހޯދުމަށް މޫދަށް ފައިބާ ބެލިއިރު އޭނާ މޫދު އަޑީގައި ހޭނެތިފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި އޭނާ ނަގައިގެން މިއަދު 18:01 ހާއިރު ގދ.ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރު، އަހުމަދު ސައީދު ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށާ، މަރުވާން ދިމާވި ސީދާ ސަބަބެއް އަދި ސާފުނުވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު ހިތަދޫއަށް ފޮނުވުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.