ތަރައްްޤީ

ރ. އަލިފުށީ ފެނުގެ ނިޒާމް ޤާއިމުކުރަން ބަޔަކާއި ހަވާލުކޮށްފި


ރ. އަލިފުށީ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް މޯހަންމުތާ އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އަލިފުށީ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު މޯހަންމުތާ ކުންފުންޏާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ކޭ. އާރު ސާޖީއެވެ. އެކުންފުނިން މި މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާއެކު ޖޮއިންޓް ވެންޗަރ އުސޫލުންނެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ. އަދި މި މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން 16 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގެ ފެނުގެ ނިޒާމް ފަރުމާ ކުރުމާއި، ރަށުގެ ފެނުގެ ވިޔުގަ އެޅުމާއި، އާރް-އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގޭގެއަށް ފެން ގުޅައިދީ މަޝްރޫޢަށް ބޭނުންވާ ސަރވޭތައް ކުރުމުގެ މަސައްކަތްވެސް މޯހަންމުތާގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މިމަހުގެ 3 ވަނަދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވަނީ މިހާތަނަށް ފަށާފައިވާ އަދި ފަށަން ތައްޔާރުވެފައިވާ މަޝްރޫޢުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 36 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ އަސްލަމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ފެނުގެ ނިޒާމް ޤާއިމުކުރުގެ 3 މަޝްރޫއަކާއި، ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއަކާއި، ފެނާއި ނަރުދަމާގެ 11 މަޝްރޫއުތައް ހިމެނެއެވެ. މީގެތެރެއިން ގިނަ މަސައްކަތް ވަނީ ކުންފުނިތަކާއި ހަވާލުކޮށްފައެވެ.