ތަރައްްޤީ

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ


މ. ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ނިންމާ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓް އިމާރާތްކުރާ ޝަޢުގުވެރިވާ ދިވްހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި ފައިސާ ބަލައިގަތުން މިއަދުން ފެށިގެން މިމަހުގެ 29 ގެ ނިޔަލަށް ކުރިއަށްދާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މިޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާ ހުށަހަޅަންޖެހޭނެކަމަށާއި، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާއިރު، މިއަހަރުގެ ބަޖެޓުގައި މި މަޝްރޫޢަށް 26 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ.