ތަރައްްޤީ

ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް މިމަހު ނިމޭނެ - އެމް.ޓީ.ސީ.ސީ


ހއ. ހޯރަފުށީ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް އެ މަސައްކަތުގެ ކޮންޓްރެޓްކަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 16 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތުގައި އެކުންފުނިން ބޭނުންކުރަމުންދަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޑްރެޖަރުކަމަށްވާ މަހާޖައްރާފެވެ.

ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.ޓީ.ސީ.ސީގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ޢަލީ ޒައިން ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. ހޯރަފުށީގައި އެއަރޕޯޓު އެޅުމަށް 16 ހެކްޓަރުގެ ސަރަޙައްދެއް ކަނޑައަޅާފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށްވެސް ޒައީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމިނުގެ ސަރުކާރުގައި ހއ. ހޯރަފުށީ އެއަރޕޯޓް އެރަށާއި ކައިރީގައި އޮންނަ މާފިނޮޅުގައި އެޅުމަށް ނިންމި ނަމަވެސް، އެރަށުގެ ބިން ހިއްކާފައެއްނުވެއެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އެ މަޝްރޫޢު ހޯރަފުށީގައި ކުރިއަށްގެންދެވުމަށް ނިންމަވާ، އެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗުމަހުގެ 25 ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ހޯރަފުށީ ބިން ހިއްކުމާއި، އެއަރޕޯޓަށް ބޭނުންވާ ރަންވޭއާއި، ޓެކްސީވޭގެ އިތުރުން އޭޕްރޮން ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވަނީ އެމް.ޓީ.ސީ،ސީއިންނެވެ.

ދަޢުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހޯރަފުށީ އެއަރޕޯޓުގައި އެޅުމަށް ނިންމާފައިވަނީ 1200 މީޓަރު ދިގު އަދި 35 މީޓަރު ފުޅާ ރަންވޭއެކެވެ. ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ފަހު ކުއަރޓަރަށެވެ.