އަތޮޅުތައް

އައްޑޫ ޓަރޝަރީ ހޮސްޕިޓަލަށް ބޭނުންވާ އޮފީސް ސާމާނު ހޯދުމަށް ބަޔަކާ ހަވާލުކޮށްފި


އައްޑޫ ސިޓީގައި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި އެހެނިހެން ސާމާނު ސަޕްލައިކޮށްދިނުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ހޯދުމަށް ހަވާލުކޮށްފައިވަނީ ތުރުކީވިލާތުގެ އަލްކޭ ޓަރމެކްސް ޖޮއިންޓް ވެންޗަރ ޕްރައިވެޓް ލިމިޑެޓާއެވެ.

މިއެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އަލްކޭ ޓަރމެކްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޓެކްނިކަލް އޮފީހުގެ ޗީފް، ބެރިސްކަން ގޮގެބަކަނެވެ.

އައްޑޫ ޓަރޝަރީ ހޮސްޕިޓަލަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި، އެހެނިހެން އާލާތްތައް ހޯދުމަށް އަލްކޭ ޓަރމެކްސްއާއި ހަވާލުކޮށްފައިވަނީ .1 މިލިއަން ހަތްހާސް އެމެރިކާ ޑޮލަރަށެވެ. އަދި އެކުންފުންޏަށް މި މަސައްކަތް ކުރުމަށް ދީފައިވަނީ 45 ދުވަހާއި 65 ދުވަހާއި ދެމެދުގެ މުއްދަތެކެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢަށް ޚަރަދުކުރުމަށް ނިންމާފައިވަނީ އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އޮފިޑާއި، ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް، އެސް.އެފް.ޑީގެ ލޯނުއެހީއާއި ދަޢުލަތުގެ ބަޖެޓުން ބައެއް ޚަރަދުކޮށްގެންކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫ ޓަރޝަރީ ހޮސްޕިޓަލަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި، އެކްސެސަރީޒް ސަޕްލައިކޮށްދީ، އިންސްޓޯލްކޮށް ކަމިޝަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިތަކެތި ބޭނުންކުރުމަށް ތަނުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުދީ އަހުލުވެރިކޮށްދިނުންވެސް ހިމެނެއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކާ އިމާރާތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ވަނީ ގެނެސްފައެވެ. އަދި މިވަގުތު ކުރިއަށްދަނީ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒްތައް އިންސްޓޯލްކޮށް، އެތަކެތި ކަމިޝަން ކުރުމުގެ މަސައްކަތެވެ. މި ހޮސްޕިޓަލް މިއަހަރު އޯގަސްޓްމަހު ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ހޮސްޕިޓަލަށް ބޭނުންވާ އެމް.އާރު.އައި މެޝިންވެސް މި ހަފްތާގައި ވަނީ އައްޑޫއަށް ގެންގޮސްފައެވެ.