ތަރައްްޤީ

ވީ.އައި.އޭގެ އައު ކާގޯ ޓަރމިނަލްގެ ސްޓްރަކްޗަރ މަސައްކަތް ނިންމާލައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ކާގޯ ޓަރމިނަލް ކޮމްޕްލެކްސްގެ ސްޓްރަކްޗަރ އެތުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރާ މި ކާގޯ ޓަރމިނަލަކީ 12 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ. ކާގޯ ޓަރމިނަލްގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މަޢުލޫމާތުދެމުން ވީ.އޭ.އައި ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނީ، ކާގޯ ޓަރމިނަލްގެ އިމާރާތަށް ބޭނުންވާ ފައުންޑޭޝަން އަޅާ، ސްޓްރަކްޗަރ އެތުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތް ހިޔާކުރުމުގެ މަސައްކަތާއި، ފްލޯރ ސްލެބްސް އެޅުމުގެ މަސައްކަތްކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން އައު ކާގޯ ޓަރމިނަލް އެޅުމުގެ މަސައްކަތްވެސް ކުރަމުންދަނީ އައު ރަންވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީންނެވެ. އަލަށް ތަރައްޤީކުރާ ކާގޯ ޓަރމިނަލަކީ މިހާރު ބޭނުންކުރާ ޓަރމިނަލަށްވުރެ 50 އިންސައްތަ ޖާގަ ބޮޑު ޓަރމިނަލެކެވެ. އަދި މިތަނުން އަހަރަކު 120 ހާސް ޓަނުގެ މުދާ ގުދަންކުރެވޭނެ ކަމަށްވެސް އެމް..އޭ.ސީ.އެލުން ބުނެއެވެ. އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރާ އައު ކާގޯ ޓަރމިނަލާއެކު އެއަރޕޯޓުން ފޯރުކޮށްދޭ މުދާ ލޯޑްކޮށް، އަންލޯޑްކުރުމުގެ ޚިދުމަތްތަކަށް ހަލުވިކަމެއް އަންނާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.

ވީ.އައި.އޭގެ އައު ކާގޯ ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހު އެތަން އޮޕަރޭޝަނަށް ގެނައުމަށް ނިންމާފައިވަނީ 2020 ވަނަ އަހަރެވެ.