ޚަބަރު

ކުޅިވަރާ ބެހޭ ވުޒާރާގެ މަސައްކަތްތައް ރަށްރަށުގައި ފުޅާކުރުމަށް މަޝްވަރާކޮށްފި


ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު، އެ ވުޒާރާގެ މަސައްކަތްތައް ރަށްރަށުގައި އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ރަށްރަށުގައި ތިއްބަވާ މުވައްޒަފުންނާއެކު މަޝްވަރާކުރައްވައިފިއެވެ.

އަތޮޅުތެރޭގައި ތިއްބަވާ މުވައްޒަފުންނާއި އޮންލައިންކޮށް ބައްދަލުކުރައްވައި ވަޒީރުވަނީ ރަށްރަށުގައި ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ހިންގާ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިހާރު ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ބައިވެރިންވަނީ ހިއްސާކުރެއްވިއެވެ.

ކުޅިވަރު ވުޒާރާއިން އަންނަނީ ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމަށް ހަށިހެޔޮ ރާއްޖެ މި ނަމުގައި ހާއްސަ ޕްރޮގްރާމުތަކެއްވެސް ހިންގަމުންނެވެ.

ހަށިހެޔޮރާއްޖެ ލީޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް މިދިޔަ އަހަރު ވަނީ މުޅިރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް، ހަ ޒޯނަކަށް ރަށްތައް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ.
އަދި އެކި ކުޅިވަރުތަކަށް ހާއްސަ ކޯޗުންނާއި އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް އަންނީ ހިންގަމުންނެވެ.

މީގެ އިތުރުން ރަށްރަށުގައި އައުޓްޑޯ ޖިމްތަކާއި އެހެނިހެން ކުޅިވަތުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުންފުނިތަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާކަން ފާހަގަ ކުރެވެއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ރާފިޢު ގެންދަވަނީ ދާއިރާތަކުގެ މަޖިލީސް މެންބަރުންނާއި ކައުންސިލުތަކާއިވެސް ބައްދަލުކުރައްވަމުންނެވެ.

މި ބައްދަލުކުރެއްވުންތަކުގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ރަށްރަށުގައި ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން އަންނަނީ މަޝްވަރާކުރައްވަމުންނެވެ.