ޚަބަރު

ޔަހޫދީ ދައުލަތުން ނިޒާމީ ގޮތެއްގައި ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ރާއްޖެއިން ގޮވާލައިފި


  • ރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ ސެނެގާލްގައި ބޭއްވީ އޮއައިސީ ބައްދަލުވުމުގައި

  • ލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް ހައްލެއް މުހިންމުކަން ސަފީރު ފާހަގަކުރެއްވި

ޔަހޫދީ ދައުލަތުން ނިޒާމީ ގޮތެއްގައި ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ ސެނެގާލުގައި ބޭއްވި އޯއައިސީގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

ސެންގާލްގެ ވެރިރަށް ޑާކާރގައި ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީ އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖެ ތަމްސީލްކުރައްވާ ތަޤުރީރުކުރައްވާފައެވެ.

އ.ދ. ގެ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިންއޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓީނިއަން ޕީޕަލް (ސީ.އައި.އާރް.ޕީ.ޕީ.) އަދި އޯ.އައި.ސީ. އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގެ ޝިޢާރަކީ "ޕަލަސްޓީނިއަން އޮޕްރެޝަން އެންޑް ޑިސްޕްލޭސްމަންޓް އިން ޖެރޫސަލަމް އިން ދަ ޝެޑޯ އޮފް ދަ ވޯ: އަ މައިކްރޮކޯސޮމް އޮފް ދަ ސިޓުއޭޝަން ތުރޫއައުޓް ދަ އޮކިއުޕައިޑް ޕަލަސްޓީނިއަން ޓެރިޓަރީސް"އެވެ.

މި ބައްދަލުވުމުގައި ސަރީރު ދެއްވި، ތަޤުރީރުގައި އިރުމަތީ ގުދުސްއާއި ހުޅަނގު އައްސޭރި އަދި ޢައްޒާގައި މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެ މަނިކުފާނު ޔަހޫދީ ދައުލަތުގެ އިސްތިޢުމާރީ ސިޔާސަތުތައް ސިފަކުރެއްވީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމާއި، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމާއި، އަދި އެމީހުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއްގެ ގޮތުގައެވެ.

މި އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރުން މިހާރަށް ދާއިމީކޮށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި ސަރީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ވަނީ ގޮވާލައްވާފައެވެ.

ސީ.އައި.އާރް.ޕީ.ޕީ. އުފައްދާފައިވަނީ 1975 ވަނަ އަހަރު އ.ދ. ގެ އާއްމު މަޖިލީހުގެ ޤަރާރަކުންނެވެ. މި ކޮމިޓީގެ މަޤްސަދަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ކަމުގައިވާ ބޭރުގެ ނުފޫޒަކާ ނުލައި އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤާއި، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމުގެ ހައްޤާއި، ޤައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްޤާއި، އަދި ބިމާއި މުދާ އަލުން ހޯދައި ލިބިގަތުމުގެ ޙައްޤު ލިބިދިނުމަށްޓަކައި ތަންފީޛުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. މި ކޮމިޓީގެ ހުށަހެޅުންތައް ވަނީ އ.ދ. ގެ އާއްމު މަޖިލީހުން ފާސްކޮށްފައެވެ. އަދި މި ކޮމިޓީއިން ކޮންމެ އަހަރަކު އ.ދ. ގެ އާއްމު މަޖިލީހަށް ރިޕޯޓު ހުށަހަޅައެވެ.

ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯ.އައި.ސީ.ގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމުޢިއްޔާގެ މެމްބަރު ޤައުމެކެވެ.