މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށް ސްމާރޓް މީޓަރުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ، ސްޓެލްކޯއިން ސްމާރޓް މީޓަރު ހަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޑެޓް، ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ސްމާރޓް މީޓަރުތައް ހަރުކުރުމުގެ މަސައްކަތެވެ.
މި މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ސްމާޓް މީޓަރުތައް ހަރުކުރުމަށް އެ ކުންފުނިން ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޕައިލެޓް ޕްރޮޖެކްޓްގެ ކާމިޔާބީއާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާރޓް މީޓަރުތައް ހަރުކުރަން ފެށި، މިހާރު މި މަސައްކަތްވެސް އެއްކޮށް ނިންމާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ސްމާރޓް މީޓަރުތައް އިންސްޓޯލްކޮށް ގާތްގަނޑަކަށް ހުޅުމާލޭގެ ސެކަންޑް ފޭސްގަ މި މަސައްކަތް އެއްކޮށް ނިމިފަ އެހުރީ. އަދި ސްމާރޓް މީޓަރ ޕްރޮޖެކްޓް ގާތްގަނޑަކަށް އެއްކޮށް ނިންމުމަށް އަޅުގަނޑުމެން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށް ސްމާރޓް މީޓަރުގެ ޚިދުމަތް ލިބިގެންދާނެ." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، ސްމާޓް މީޓަރު ޕްރޮޖެކްޓްގެ ދަށުން ސްމާޓް އެޕްލިކޭޝަންގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް ލިބޭނެކަމަށެވެ. އަދި މި ސްމާޓް އެޕްލިކޭޝަނާއެކު، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވަގުތުން ބަލާލެވޭނެކަމަށް ފަހުމީ ވިދާޅުވިއެވެ.
"އެބޭފުޅެއް މީޓަރު އެބޭފުޅެއްގެ ފޯނުން ލައިވްކޮށް ފެނިގެންދާނެގޮތަށް އަޅުގަނޑުމެންގެ މި އެޕްލިކޭޝަން ތައާރަފްކޮށްފައި މިވަނީ. އެހެންވީމަ ކޮންމެ ބޭފުޅަކަށްވެސް ފެނިވަޑައިގަންނަވާނެ އެބޭފުޅެއްގެ މީޓަރަށް އަރާ އަދަދު. އެއީ ގަޑިތައް ވަކި ވަކިންވެސް އިނގޭގޮތަށް. އަދި ކޮންމެ ދުވަހަކު އަރަނީ ކިހާވަރެއްތޯ އަދި ހަފްތާއަކު އަރަނީ ކިހާވަރެއްތޯވެސް މި އެޕުން ބަލާލެވޭނެ." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، މި އައު ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު ދެނެގަނެވިގެންދިއުމާއެކު، ކަރަންޓު އިޤްތިޞާދުކުރުމަށާއި ޚަރަދު ކުޑަކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން، އެއްފަހަރާ ގިނަ ބިލުތަކަށް ފައިސާ ދެއްކުމަށް ފަސޭހަވެގެންދިއުމާއެކު، ސްޓެލްކޯ ކެއަރ މެދުވެރިކޮށް ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ ސީދާ މުޢާމަލާތުކުރުމުގެ ފުރުޞަތުވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޤައުމީ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަކީ ސްޓެލްކޯގެ އިސް ވާޖިބެއްކަމަށް ފަހުމީ ވިދާޅުވިއެވެ. އެގޮތުން، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރިއަށްއޮތްތާގައިވެސް މަސައްކަތް ކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޤްޞަދު ޙާޞިލުކުރުމުގައި ސަރުކާރާއި، އަދި ވަކިން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.