ރިޕޯޓް

ކެންދޫ މަގާންފުޅު، ނެތިދިއުމުގެ ބިރު ހީވެފައި!


ބ.އަތޮޅު ކެންދޫ މަގާންފުޅު ނެތިދިޔުން އެއީ ކެންދޫ ރައްޔިތުންނާއި ބ.އަތޮޅުގެ ރައްޔިތުންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މި މިބިނާގެ އާބާތުރަ ފިލުވުމަށް ކެންދޫ ކައުންސިލާއި ޑިޕާޓްމަންޓްއޮފް ހެރިޓޭޖުންދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ.

"ކެންދޫ މަގާންފުޅު"ބިނާ އަކީ 100 އަހަރު ނުވަތަ ޤަރުނަކަށްވުރެ ގިނަ ދުވަސްވެފައިވާ ބިނާއެކެވެ.
ޑިޕާޓްމަންޓްއޮފް ހެރިޓޭޖްގައި މި ބިނާއާ ގުޅޭގޮތުންހުރި ބައެއްލިޔެކިޔުންތަކުން ހެކިދޭ ގޮތުން މިތަނަކީ ރާއްޖެ އިސްލާމް ވީދުވަސްވަރު ރާއްޖެއަށް ވަޑައިގެންނެވިކަމަށްބުނާ އަބުލްބަރާކާތުލް ޔޫސުފުލް ބަރުބަރީ މާލެ ވަޑައިގަތުމުގެ ކުރިން މަޑުކުރެއްވި ތަނެކެވެ. މިބިނާ ހަލާކުވެގެންދާތީ މިކަމުގެ ކަންބޮޑުވުން އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރާކާ ހިއްސާކުރަމުން ދާކަމަށް ކެންދޫ ކައުންސިލުން ވިދާޅުވެއެވެ.

މި ޢިމާރާރަކީ ދުވަސްވެފައިވާ ޢިމާރާތެއްކަމުން ވައިގަދަވެ މޫސުން ގޯސްވާ ކޮންމެ ފަހަރަކު ކޮންމެވެސް ބޮޑުގެއްލުމެއް މިތަނަށް ލިބޭކަމަށް ކައުންސިލްކުން ފާހަގަކުރައްވައެވެ. ކެންދޫ ކައުންސިލް މެންބަރު އިބްރާހީމް އަބްދު ރަޙްމާން ވިދާޅުވީ މިބިނާގެ އާބާތުރަ ފިލުވުމަށް ކައުންސިލާއި ހެރިޓޭޖު މިނިސްޓްރީއާއެކު ދެކެވޭ ވާހަކަތަކުން ކުރިއެރުމެއް ލިބެމުންނުދާކަމަށެވެ.

ހެރިޓޭޖު މިނިސްޓްރީން ބޭނުންވަނީ އުވަޔާއި ތެޅިގަލާއި އީޓުމުށި ބޭނުންކޮށްގެން އެތަނުގެ އާބާތުރަފިލުވުމަށްކަމަށާ، އެކަމަށް ހިންގާނެ ޙަރަދު ބޮޑުކަމުން އެގޮތައް އެކަން ކުރުމަކީ ދަތިކަމެއްކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

މިބިނާ ހަލާކުވެދިޔަނުދިނުމަށް ކެންދޫގެ ކްލަބް ޖަމްޢިއްޔާތަކުންނާއި ރައްޔިތުންވެސް ވަނީ ގިނަ މަސައްކަތަތަކެއް ކޮށްފައެވެ. އެގޮތުން ފުރާޅުގައި ޖަހާފައިހުރި އީޓު މުށިތައް ވެއްޓުމުން ތަނުގެ އެތެރެއަށް ވާރޭނުވެހޭނެގޮތައް މިޙާރުވަނީ ވަނީ ޓިނުޖަހައި ހިޔާކޮށްފައެވެ. މިހާރުވެސް މިތަން ބޭނުންކުރަމުންދެއެވެ. އެގޮތުން ނަމާދުކުރުމަށް މިބިނާ މިހާރު ކޮންމެވެސް ވަރަކަށް ބޭނުންކުރެއެވެ.

ކެންދޫ މަގާންފުޅަކީ އިހުޒަމާނުގައި މީހުން ނަދުރުބުނެ، އެނަދުރު ފުއްދުމަށް އެކިކަންކަން ކުރުމަށް ގޮސް އުޅުނު ބިނާއެއްވެސްމެއެވެ. އަދި އިހުގައި ކޮންމެ ހުކުރު، ހޯމަ ވިލޭރެއަކު އެތަނުގައި ކިޔަވައި ދުންއަޅާކަމަށްވެސް އިހުގެ މީހުން މަޢުލޫމާތުދެއެވެ.

މި މަޤާމުފުލަކީ އަބުލްބަރަކާތުލް ބަރުބަރީ ނުވަތަ ތަބްރޭޒީގެފާނު ނަމާދުކުރައްވަން ބޭނުންކުރެއްވި ތަނެއްގެގޮތުގައި އިހުގެ މީހުން ކިޔައި އުޅެއެވެ.

ދަޑިއާ މުޑި ފަދަތަކެތި ބޭނުންކޮށްގެން މިތަން ފަނުން ހިޔާކޮށްފައިހުއްޓައި ތަނުގައި އަލިފާންރޯވެ ގެއްލުންތަކެއް ވެފައިވެއެވެ. މިތަން މިހާރު ފެންނަން މިހިރަގޮތައް ޢިމާރާތްކޮށް ހަދާފައިވަނީ ބ.އަތޮޅު ކުޑަރިކިލު މީހަކު އިސްވެހުރެ ކެންދޫ ރައްޔިތުންނާ ގުޅިގެންކަމަށް ތާރީހު ދިރާސާކުރައްވާ ބައެއްފަރާތްތަކުން މައުލޫމާތުދޭއެވެ. ހައިވަކަރާ އުވަ ބޭނުންކޮށްގެން ހަދާފައިވާ މިބިނާއަކީ ބ.އަތޮޅުގައި މިގޮތައް ހަދާފައިހުރި އެންމެ ދުވަސްވީ އެއްބިނާކަން ފާހަގަކުރެވެއެވެ.