އަތޮޅުތައް

ކ. ހުރާއިން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ކ. ހުރާއިން 90 ގޯތި ދޫކުރުމަށް ނިންމާ، ގޯއްޗަށް އެދުމުގެ ފުރުޞަތު ހުރާ ކައުންސިލުން ހުޅުވާލައިފިއެވެ.

ހުރާ ކައުންސިލުން ބުނީ އެރަށުން ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ކޮށްފައިވާ އިޢުލާން ބާޠިލުކޮށްފައިވާކަމަށާއި، އެ އިޢުލާނާއެކު ދޫކޮށްފައިވާ ފޯމްތައްވެސް ބާޠިލުކޮށްފައިވާކަމަށެވެ. ހުރާއިން ގޯތި ދޫކުރުމަށް ކުރިން ކޮށްފައިވާ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 90 ގޯތިކަމަށް ހުރާ ކައުންސިލުން ބުނެއެވެ.

ހުރާއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1466.85 (އެއްހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހައެއް ޕޮއިންޓް އަށެއް ފަހެއް) އަކަފޫޓާއި، 1957.73 (އެއްހާސް ނުވަސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް ހަތެއް ތިނެއް) އަކަފޫޓާއި ދެމެދުގެ ގޯތިކަމަށް ކައުންސިލުން ބުނެއެވެ.

މި ގޯތިތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ހުޅުވާލާފައިވާއިރު، ގޯތި ދޫކުރުމުގައި ބަލާނެ ޝަރުތުތަކާއި، ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓުދޭނެ އުޞޫލުވެސް ހުރާ ކައުންސިލުން ވަނީ ޢާއްމުކޮށްފައެވެ. ހުރާއިން ދޫކުރުމަށް ނިންމާފައިވާ 90 ގޯއްޗަށް ކުރިމަތިލާން ބޭނުންވާ ފަަރާތްތަކަށް ފޯމް ދޫކުރުން މާދަމާއިން ފެށިގެން ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށާއި، ފޯމް ބަލައިގަންނާނެ އެންމެފަހު ތާރީޚަކީ ޖޫން 13 ކަމަށްވެސް ހުރާ ކައުންސިލުން ބުނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ފޯމުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ރަނގަޅަށް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެކަމަށްވެސް ހުރާ ކައުންސިލުން ބުނެއެވެ.

ހުރާއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން ސަރުކާރުން މިދިޔަ އަހަރު ވަނީ އެރަށުގެ ފަޅުން 10 ހެކްޓަރުގެ ބިން ހިއްކާފައެވެ. މިއާއެކު ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބިފައިވާއިރު، ހުރާއިން އިތުރަށް ގޯތިދޫކުރެވިގެން ދިއުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ.