ރިޕޯޓް

ކުޑަރިކިލު ބަނދަރުގެ ދަތިކަން - ރަށަށް ލަފާފުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް


ބ.އަތޮޅު ކުޑަރިކިލު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހުޅަނގު މޫސުމުގައި ރަށު ބަންދުގައި ތިބެން ޖެހުމެވެ. ރަށުގެ ބަނދަރުގެ ބޭރު ތޮށްޓާއި ފާލަމުގެ ބޮޑު ބައެއް ހަލާކުވެފައިވުމުގެ ސަބަބުން ކަނޑުގަދަ ދުވަސްތަކާއި ހުޅަނގު މޫސުމުގައި އެރަށަށް ލަފާ ފުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ.

ކުޑަރިކިލު ފަޅު ފުންކޮށް އެއްގަމު ވާޓަރެއް ލާފައިވަނީ 2001 ވަނަ އަމިއްލަ ފަރާތަކުން. ދިގުމިނުގައި 443 ފޫޓް އަދި ފުޅާމިނުގައި 214 ފޫޓް ހުންނަ މިބަދަރަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ ސަބަބުން ބަނދަރު ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ. އެގޮތުން އެރަށުގެ ބަނދަރުގެ ހާލަތު ބަޔާންކޮށްދީ ރަށުގެ ރައްޔިތުން ސޮއިކޮށް 2013 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވެއެވެ.

ސުނާމީގައި ކުޑަރިކިލު ބަނދަރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބަނދަރުގެ ބައެއް މޫދަށް މޫދަށް ވެއްޓި އެއްގަމާވީ ފަޅިން ރަށުގެ ބޮޑު ބައެއް ވަނީ ގިރަން ފަށާފައެވެ. އަދި ބޭރު ތޮށި ހަލާކުވެފައިވާތީ ހުޅަނގު މޫސުމާއި، ކަނޑު ގަދަ ދުވަސްވަރު ބޮޑެތި ރާޅުތައް ފަޅުތެރެއަށް ވަންނާތީ އެރަށަށް ލަފާފުރުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭކަމަށް އެރަށުގެ އޮޑިވެރިންނާއި ބ. އަތޮޅުގައި ދަތުރުކުރާ ފަރާތްތަކުންވެސް ފާހަގަކުރެއެވެ.

ކުޑަރިކިލުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދެއްކި މީހުން ބުނީ ބޭރުތޮށިން ބޮޑު ބައެއް ވެއްޓުމުގެ ސަބަބުން، ފަޅުތެރެއަށް ބޮޑެތި ރާޅުތައް ވައްދާތީ ހުޅަނގު މޫސުމާއި އެނޫންވެސް ކަނޑުގަދަ ދުވަސްވަރު ފަޅުގައި އަޅާފައިހުންނަ އޮޑިފަހަރަށް ލިބިދާނެ ގެއްލުމަކަށް ބަލަން އޮޑިވެރިން ހޭލާތިބެންޖެހޭ ކަމަށެވެ.

"ކުޑަރިކިލުގައި ހަދާފަ މިއޮތް ބަދަރު ހަލާކުވެފަ އޮންނަތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ. އެއްވެސް ފަރާތަކުން އަދި އަޅައެއްނުލާ، އޮޑިވެރިން މި ތިބެނީ ގަދަވެއްޖެޔާ ނުނިދާ އޮޑި ދޯނި ފަހަރަށް ލިބިދާނެ ގެއްލުމަކަށް ބަލަބަލާ، ބަނދަރު މިހެން އޮތީމަ މާބަޑުމީހާ ބަޑުގައި ރިއްސައިގަތީމާ އޭދަފުށީ ހޮސްޕިޓަލަށްދާނެ ލޯންޗެއް ކުޑަރިކިލު ފަޅަކަށް ނުވެއްދޭނެއޭ ބުނެފަވެސް އެބަހުރި. މިހާލުގައި ހުޅަނގު މޫސުންމުގައި މިރަށު މީހުން އުޅޭނީ. މާލެދާ ބޯޓެއް ނުވައްދާނެ މާލެ ދަތުރު ކުރާ ފެރީއެއް ނުވައްދާނެ. އެމީހުންވެސް އެމީހުންގެ އަގުބޮޑެތި މުދާ ހަލާކުކޮށްލާކަށް ބޭނުމެއްނުވާނެތާދޯ". ކުޑަރިކިލުން ވާހަކަ ދެއްކި މީހުންބުންޏެވެ.

މިކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން މެދުނުކެނޑި ކައުންސިލަށް ލިބެމުންދާއިރު، ކުޑަރިކިލު ކައުންސިލުން ވަނީ އެރަށުގެ ބަނދަރުގެ ހާލަތު ސަރުކާރާހަމައަށް ގެންގޮސް ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށްވެސް ގެންނަވާފައި. ކުޑަރިކިލު ކައުންސިލްގެ ރައީސް ޢަބްދުލް ހަންނާނު އައްބާސް ވިދާޅުވީ ވާޓަރުން ބޮޑުބައެއް ވެއްޓި ރައްގިރަމުން ދާ ވާހަކަ އާއި އެރަށަށް ލަފާ ފުރުމަށާއި މުދާ ބޭލުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ސަރުކާރުގެ ސަމާލުކަމަށް މީގެ ކުރިންވެސް އެތައް ފަހަރަކު ގެނެސްފައިވާކަމަށެވެ.

"ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމުން ވަރަށް އަވަހަށް ފެށޭނޭބުނޭ، އެކަމު މިއަދާހަމައަށް އައިއިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވޭ، ދެން އަނެއްކަމަކީ ބަދަރުގެ ހާލަތު ރިޢާޔަތް ކޮށް ރައްޔިތުންގެ މަޖިލީހަށްވެސްވާނީ ޕެޓިޝަނެއް ހުށައަޅާފަ. އެއަކުންވެސް އަމަލީ ސިފައެއް ނުލިބުނު. ކުޑަރިކިލު ބަނދަރު ހާދާފައި މިއޮތީ ސީދާ ހުޅަނގައް ވާގޮތައް ދިމާ އިދަމައްޗައް.އެހެން ވީމަ ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑަށްލިބޭ، އަދި ގަދަވެއްޖެޔާ އޮޑިވެރިން އޮޑިދޯނިފަހަރުގައި ތިބޭތަން ފެނޭ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކުޑަރިކިލުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ރަށުގެ ބަނދަރުގެ ހާލަތުވެފައިވާއިރު، މިކަން ހައްލުކުރުމަށް މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. އެގޮތުން ބަޖެޓް ފާސްކުރިއިރު، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ދަށުން 14 މިލިއަން ރުފިޔާ ކުޑަރިކިލު ބަނދަރު މަރާމާތު ކުރުމަށް ވަނީ ހިމަނާފައެވެ. ކުޑަރިކިލު ކައުންސިލްގެ ރައީސް ވިދާޅުވީ މިކަމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން މިހާރު ދެއްވާފައިވާކަމަށެވެ.

އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭ ކުޑަރިކިލުގައި މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރަނީ ފަރުމަހުގެ މަސްވެރިކަމެވެ.