ތަރައްްޤީ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަޝްރޫޢު އިފްތިތާޙް ކޮށްދެއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ނާއިބު ރައީސް މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ އެމަނިކުފާނު މިހާރު ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ޞާލިހްގެ ވިސްނުންފުޅަކީ، ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށް ގެންދެވުންކަމަށެވެ. އެގޮތުން މިއަދު އިފްތިތާޙްކުރި ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ވެސް ކުރިޔަށްގެންދަވާނީ ފުވައްމުލަކު ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މަތިން ރައްޔިތުން އެދޭގޮތަށްކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަޝްރޫޢަކީ ކުރިން ފަށާފައި ކުރިއަށް ނުގޮސް އޮތް މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ. މަޝްރޫޢު މިހާރު އަލުން ފަށައިގެން ކުރިޔަށްގެންދާނީ، މަރާމާތުކުރަންވެސް ފަސޭހަ އަދި ހިނގާ މީހުންނާއި ދުއްވާ މީހުންނަށްވެސް ރައްކާތެރި ގޮތަށްކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކެކޭ އެއްގޮތަށް މަގުމަތީގެ އެކްސިޑެންޓްތައްގިނަ ސިޓީއެއްކަން ފާހަގަކުރައްވައި، ނާއިބު ރައިސް ވިދާޅުވީ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ތަރައްޤީކުރާއިރު، މަގުތަކުގައި ދުއްވާ ފަރާތްތަކުން ޓްރެފިކް ޤަވާޢިދުތަކަށް ޚާއްޞަ ސަމާލުކަމެއްދޭން ޖެހޭނެކަމަށެެވެ. އަދި މަގުތަކަކީ ދުއްވާ މީހުންނާއި ހިނގާބިގާ މީހުންނަށްވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.