ތަރައްްޤީ

ޓެކްނިކަލް މުވައްޒަފުން ތަމްރީން ކުރުމަށް ޓިވެޓް އޮތޯރިޓީއާއެކު ސްޓެލްކޯއިން އެއްބަސްވެއްޖެ


ސްޓެލްކޯގެ ޓެކްނިކަލް މުވައްޒަފުން ތަމްރީން ކުރުމަށް ޓިވެޓް އޮތޯރިޓީއާ އެކު ސްޓެލްކޯއިން އެއްބަސްވެއްޖެއެވެ.

ސްޓެކްލޯގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޓިވެޓް އޮތޯރިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމްއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޙާޝިމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމަކީ މޯލްޑިވްސް އެނަރޖީ އޮތޮރިޓީގެ ލައިސަންސް ލިބޭ ޕްރޮގްރާމެއް ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ޓިވެޓް އޮތޯރިޓީއަކީ މީހުން ތަމްރީން ކުރާ އޮތޯރިޓީއަކަށް ނުވިނަމަވެސް އެ ފަރާތުންކުރަމުންދާ މަސައްކަތަތކީ ތަމްރީންތަކަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް ކުރަމުންދާ އޮތޯރިޓީއެއްކަމަށެވެ. ހާޝިމް ވިދާޅުވީ އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާ އިންވެސް ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީން ދޭންޖެހޭކަމަށެވެ.

"ޓިވެޓް އޮތޯރިޓީން ކުރާ މައިގަނޑު މަސައްކަތަކީ ސްޓޭންޑަރޑް އުފެއްދުމާއި ހިންގާ ކޯސްތަކުގެ ކޮލިޓީ އެޝުއަރކޮށް .ފާސްވާ ކުދިންނަށް ސެޓްފިކެޓް ދިނުނުން. ތަމްރީން ހިންގާނީ ޓްރެއިންނިން ޕްރޮވައިޑަރުން. "ހާޝިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވީ މި އެއްބަސްވުމަކީ ސަރުކާރުން އެކި ދާއިރާތަކަށް ބޭނުންވާ ޓެކްނިކަލް މީހުން އުފެއްދުމަށް ކުރާ މަސައްކަތަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމަށާއި އަދި ސްޓެލްކޯއަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން ތަމްރީންކުރުމަށް އިތުރު ފުރުޞަތުތަކެއް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ ކަމަށެވެ.

"ޓިވެޓްއިން، ސްޓެލްކޯ ބޭނުންވާގޮތަށް ސިލަބަސްތައް ތައްޔާރުކުރުމަށް އެހީވެދޭނެ އަދި މީހުން ތަމްރީންކުރުމަށްވެސް އެހީވެދޭނެ. މިހާރުވެސް ވަރަށް ގިނަ ޓެކްނިކަލް މުވައްޒަފުން އެބަ ބޭނުންކުރަން ރާއްޖެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް" މުޢުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ޓެކްނިކަލް މުވައްޒަފުން ތަމްރީން ކުރުމަށް އެއްބަސްވި އެއްބަސްވުމުގެ ތެރެއިން ދެ އަހަރު ދުވަހުގެތެރޭ 100 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ.