އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ވިދާޅުވީ، މި ސެގްމަންޓުގައި ތާރު އަޅާ ނިމުމުން، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަމީނީ މަގުގެ އިންފްރާސްޓްރަކްޗަރ މިގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ވާނެކަމަށް އެމްޓީސީސީން ފާހަގަކުރައްވައެވެ.
އަމީނީ މަގު ސެގްމަންޓް 3ގެ މަސައްކަތް ފަށާފައިވަނީ، މިމަހުގެ 4 ވަނަ ދުވަހުއެވެ. އެމަގުގައި ހަލާކުވެފައިވާ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން 3 ވަނަ ސެގްމަންޓުގައި ހިމެނެނީ، ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.
We have commenced the asphalt paving works for the segment 3 of Ameenee Magu.
— MTCC Plc (@MTCCPlc) October 20, 2026
Upon completion of the paving, road marking works will follow. The development of improved road infrastructure will provide smoother and more convenient travel for residents of Malé City.
#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
އެމްޓީސީސީން ވިދާޅުވީ، ސެގްމަންޓު 3ގެ މަސައްކަތުގެ ތެރެއިން 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި، ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
މީގެ ކުރިން ކުރިއަށް ގެންގޮސްފައިވަނީ، އަމީނީ މަގުގެ ސެގްމަންޓު 1ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2ގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަރާމާތުގެ މަސައްކަތް ނިންމާ މިހާރު ވަނީ، އާއްމުންނަށް މަގު ހުޅުވާލާފައެވެ.
ސެގްމަންޓު 3ގެ މަސައްކަތަށްފަހު ސެގްމަންޓް 4ގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި ހަމައަށް ހިމެނޭ ސަރަޙައްދެވެ.