ޚަބަރު

ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ


  • އުތުރާއި މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ

ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ހުކުރު ހޮނިހިރު މި ދެ ދުވަހުވެސް ރާާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ، 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި އެހެން އަތޮޅުތަކަށް ވައި ޖެހެމުންދާނީ، 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށާއި ޅ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު 14:00 އިން 20:00 އަށެވެ. އަދި ޅ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ، 15:30 އިން ފެށިގެން 21:00 އަށެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން މައުލޫމާތުދެއްވައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.