ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގައި 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެެވެ. އެ ވުޒާރާއިން ދަނީ މިފަދަ އިންސްޕެކްޝަންތައް ކުރިއަށްގެންދަމުންނެވެ.
ކޮންސިއުމަރ ޕްރޮޓެކްޝަން އެކްޓް ނުވަތަ ވިޔަފާރިކުރާ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ފިހާރައިގައި ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖެހުމަކީ ކޮންމެހެން ލާޒިމްކަމެކެވެ. މިކަން ކަށަވަރުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މިދިޔަ ހަފްތާގައި ވަނީ އިންސްޕެކްޝަނެއް ކުރިއަށްގެންގޮސްފައެވެ.
އެ ވުޒާރާއިން ވިދާޅުވީ، މިމަހުގެ 15 އިން 20 އަށް ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖެހިތޯ ޔަޤީންކުރުމަށް 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. މީގެތެރެއިން 17 ފިހާރައެއްގައި ޤާނޫނާއި އެއްގޮތަށް މުދަލުގައި އަގު ޖަހާފައިވާކަމަށެވެ. އަދި ޤާނޫނާއި އެއްގޮތަށް އަގު ޖެހުމަށް އަންގާ ނޯޓިސް 17 ފިހާރައަކަށް ދީފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
From 15 to 20 October, the Ministry inspected 34 shops in Malé and issued notices to 17 shops, for failing to display prices in accordance with the Consumer Protection Act.
— Ministry of Economic Development,Transport & Trade (@MoEDmv) October 22, 2026
The Ministry will continue inspections and take action against businesses that fail to comply with price display requirements.
ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި މުދާ ގަންނަފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމަށެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުވެސް ވުޒާރާއިން ވަނީ ހިއްސާކޮށްފައެވެ.
- މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން
- އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުރުން
މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން ޢަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކޮށް، ޤާނޫނާއި ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.
ބާޒާރާއި ފިހާރަކުގައި ތަކެތި ހުރި އަގުތައް ބެލޭނެ ގޮތައް އެ ވުޒާރާއިން ވަނީ އަގުމަގު ޕޯޓަލްގެ ނަމުގައި ޕޯޓަލްއެއްވެސް ލޯންޗްކޮށްފައެވެ. ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާތަނަށް 224 ފިހާރައެއް މި ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ.
އަގުމަގު ޕޯޓަލްގެ ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމެވެ. މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީ އަގުތައް އެއްތަނަކުން ބަލާލެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.