ރިޕޯޓް

މެންދޫ ރައްކާތެރިކޮށް ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭނަށް ބަދަލުގެނެސް އަންނަ ޖޫންމަހު އަމަލުކުރަން ފަށަނީ


ބަޔޮސްފިއަރ ރިޒާވްގެ ދަށުން ބ. އަތޮޅުގައި ހިމާޔަތް ކޮށްފައިވާ މެންދޫ ރައްކާތެރިކޮށް ބަލެހެއްޓުމުގެ މަސައްކަތް އަންނަ ޖޫންމަހުން ފެށިގެން ކުރުމަށް ހަމަޖެހިފައިވާކަމަށް ބ.އަތޮޅު ބަޔޮސްފިއަރ ރިސާވް އޮފީހުން ބުނެފިއެވެ.

ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނީ މެންދޫ ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މިހާރު އެކުލަވާލާފައިިވާ މެނޭޖްމަންޓް ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަންނަ ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަސައްކަތް ފަށާނެ ކަމަށެވެ.

މެންދޫ ސަރަހައްދަކީ 2011 ވަނަ އަހަރުގެ ޖޫން މަހު ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދު ހިމާޔަތްކުރުމުގެ ޕްލޭން ހެދިގެންދާއިރު، މެންދޫ ސަރަހައްދުގައި ހިމެނޭ ބ. އަތޮޅު މެންދޫ އާއި މެންދޫ ވަށައިގެންވާ ފަރާއި ބ. އަތޮޅު މެންދޫ ބިންމަތީފަރާއި ބ. އަތޮޅު ކަނބުރުފަރު އަދި ބ. އަތޮޅު ނިބިލިގާފިނޮޅާއި ނިބިލިގާ ވަށައިގެންވާ ފަރާއި އަދި މި ރަށްތަކުގެ ފަރުގެ ނުވަތަ މި ފަރުތަކުގެ އުރަފަށުން ފެށިގެން 111 މީޓަރގެ ސަރަހައްދެއް ހިމާތަތްކޮށް ބެލެހެއްޓިގެންދާނެކަމަށް ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނެއެވެ.

މި މެނޭޖްމަންޓް ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އެބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު އެ އޮފީހުން ވަނީ ފަށާފައެވެ. ބ.އަތޮޅު ބަޔޮސްފިއަރ ރިސާވް އޮފީހުން ބުނީ، މެންދޫ މެނޭޖްމަންޓް ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދަނީ ބަޔޯސްފިއަރ ރިސާވް އޮފީހާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ބ.އަތޮޅު ކައުންސިލާ ގުޅިގެންކަމަށެވެ.

އެއޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ، މެނޭޖްމަންޓް ޕްލޭނަށް ބަދަލު ގެނައުމުގައި އާންމުންގެ ޚިޔާލާއި މަޝްވަރާވެސް ހޯދާފައިވާނެކަމަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ގެޒެޓްކޮށް އާންމު ކުރި ޕްލޭނަށް އަމަލު ކުރުން ފަސްކުރީ ގެންނަން ޖެހޭ ބަދަލުތައް ހުރުމާއެކުގައިކަން ޝާފީ ފާހަގަކުރެއްވިއެވެ. އަދި މި ޕްލޭނަށް ގެނެވޭނެ އެންމެ ބޮޑު ބަދަލަކީ އާންމުންގެ އަތުން ނަގާފީ ކުޑަކުރުންކަން ޝާފީ ވަނީ ފާހަގަކުރައްވާފައެވެ.

"އަމަލު ކުރަންފެށުން 1 ޖޫން އަށް ފަސްކޮށްފަ މިހާރު އެއޮތީ، އެއީ ބައެއް ބަދައްލުވުންތަކާ އާންމު ހުށައަޅާފައި ހުރިކަންކަމަށް ބަލާފަ ގެންނަނަޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަކުރެވޭތީ. މި ބަދަލު ތައްގެންނަމުން މިދާއިރު އެންމެ ހާއްސަކަމެއް މިދެނީ ދިވެހިން އަތުން ނަގާ ފީ ކުޑަކުރުމަށް، އޭގެ އިތުރުން މި ރައް ބޭނުން ކުރާނެ އުސޫލްތަކެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން." ޝާފީ ވިދާޅުވިއެވެ.

މި މެނޭޖްމަންޓް ޕްލޭންގައި މި ސަރަޙައްދަށް ޒިޔާރަތްކުރެވޭނެ ވަގުތުތަކާއި، އެންމެ ގިނަވެގެން މި ސަރަޙައްދުގައި ޙަރަކާތްތެރިވެވޭނެ މީހުންގެ ޢަދަދާއި، މި ސަރަޙައްދުގައި މީހުން ޙަރަކާތްތެރިވުމުގައި ޢަމަލުތައް ބަހައްޓަންޖެހޭ ގޮތުގެ ތަފްޞީލް ބަޔާކޮށްފައިވެއެވެ. ޝާފީ ވިދާޅުވީ މިހާރުގެ ޕްލޭންގައި 30 މީހުންނަށް އެއްފަހަރާ އެރަށައް އެރޭގޮތަށް އޮތްނަމަވެސް މި ޕްލޭން ބަދަލުވެގެންދާ އިރު މިއަދަދު އިތުރު ކުރުމަށްވެސް މަޝްވަރާ ކުރަމުންދާކަމަށެވެ. އަދި މި ސަރަޙައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުތަކަކާއި، ޙިމާޔަތްކޮށްފައިވާ ދޫންޏާއި، ވެލާ ބިސްއަޅާ އާލާވާ ސަރަޙައްދެއްކަމުން އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްވެސް މިއަހަރުގެ ތެޜޭގައި ކުރުމަށް ރާވަމުންދާކަމަށް ޝާފީ ވިދާޅުވިއެވެ.

"އާންމުނާ ވަކިން ހާއްސަކޮށް މަސްވެރިން ހޭލުންތެރިވާނެޖެހޭކަންކަން ވަރަށް ބައިވަރު ހުންނާނެ. އެކަންކަންވެސް ކުރަމުންމިދަނީ، މިމަސް ނިމުގެ ކުރިން ޕްލޭނަށްގެންނަންޖެހޭ ބަދަލުތައްގެނަސް އެކުލަވާލެވޭނެކަމަށް މިބަލަނީ، އެއަށްފަހު އާންމު ހޭލުން ތެރިކުރުވަން މަސައްކަތް ފެށިގެންދާނީ، ހިމާޔަތްކޮށްފަ ހުރި ތަންތަން ބެލެހެއްޓުމަށް ހަދާފައިވާ ޤަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވަން މަސައްކަތްތަކެއް މިއަހަރުވެސް ކުރެވިގެންދާނެ، ވަކިން ހާއްސަކޮށް އަތޮޅުންބޭރައް މމިފަހަރު އިސްކަމެއް ދޭނަނަން" ސާފީ ވިދާޅުވިއެވެ.

މި ޕަލޭނަށް އަމަލު ކުރަންފަށާއިރު، މި ރަށުން ފަންހޮވުމާ، ކާށި ހޮވުންވެސް ވަކި އުސޫލެއްގެ ދަށުން ހަމަޖެހިގެންދާނެއެވެ. އަދި އެ ސަރަޙައްދަށް ޒިޔާރަތްކުރާ މީހުންގެ އަތުން ނަގާ ފީ ބޭނުންކުރެވޭނީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، މުޖްތަމަޢުގެ އާންމު މަންފާއަށްޓަކައި ބ. އަތޮޅުގައި ހިންގޭ އެކި އެކި މަޝްރޫޢުތަކަށްކަމަށް ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނެއެވެ.

ބަޔޮސްފިއާ ރިޒާވްގެ ދަށުން ބ. އަތޮޅުގައި ހިމާޔަތް ކޮށްފައިވާ މެންދޫ ސަރަޙައްދު ރައްކާތެރިކޮށް ބަލަހައްޓަން މެނޭޖްމަންޓް ޕްލޭނެއް ތިމާވެއްޓާބެހޭ މިނިސްޓްރީން އާންމު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ބ.އަތޮޅު ބަޔޯސްފިއަރ ރިސާވްގެ ދަށުން ބަލަހައްޓަމުން ދާ 10 ސަރަހައްދެއް އޮވެއެވެ. މީގެ ތެރެއިން ޤަވާއިދެއްހެދި ބަލަހައްޓެމުންދަނީ 2 ސަރަހައްދެކެވެ. އެއީ ގިނައަދަދަކަށް އެންމަޑި ނުވަތަ މަންތާ އާލާވާ ހަނިފަރު ހިމެނޭ ސަރަހައްދާއި ހޯރަ އަރާ އޮޅަގިރިއެވެ.