ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ލެއިޕްޒިގް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމުން ވަނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ 9 ޕޮއިންޓާއެކު ތާވަލުގެ 4 ވަނަ މަގާމް ހޯދާފައެވެ. ލެއިޕްޒިގް ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި 73 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑްއިން ވަނީ މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ލެއިޕްޒިގްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން 2 މިނިޓަށް ވެފައިވަނިކޮށް ބާނާޑޯ ސިލްވާއެވެ. މިއީ ނިމިގެންދިޔަ ހޫނު މޫސުމުގައި މެންޗެސްޓަރ ސިޓީއިން ރެއާލް މެޑްރިޑާއި ގުޅުނު ފަހުން ބާނާޑޯ ސިލްވާ އެ ކްލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 7 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކިލިއަން އެމްބާޕީ ދިން ޕާހަކުން އާޑާ ގުލާއެވެ.
އަދި މެޗުގެ 83 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ލަނޑެއް ޖެހި ނަމަވެސް އޭގެ ދެ މިނިޓު ފަހުން ލެއިޕްޒިގްގެ ގޮމިސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ. މި މެޗުގައި އެމްބާޕޭ ޖެހި ލަނޑާއެކު މިއީ މި ސީޒަނުގައި އޭނާ ކުޅުނު 12 މެޗުގައި ޖެހި 12 ވަނަ ލަނޑެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ޔާން ޑިއޮމޮންޑްވަނީ އޭނާގެ ކުރީގެ ކްލަބް ކޮޅަށް ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފައެވެ.