ޕާކިސްތާނާއި ރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުން ވަރުގަދަ ކުރުމަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވިދާޅުވެއްޖެއެވެ.
އެމެނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތެރެއިން ދެ ޤައުމުގެ ރައީސުން ބޭއްވި ރަސްމީ ބައްދަލުވުމުގައެވެ.
ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު، އައިވަންއޭ ސަދުރުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް އާސިފް އަލީ ޒަރުދަރީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ވެރިން ވަނީ ޕާކިސްތާނާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައި ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުގެ ރައީސް ވަނީ ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ޕާކިސްތާނާއި ރާއްޖޭގެ ގުޅުން ބަދަހިކުރެވޭނެކަން ފާހަގަކޮށްފައެވެ. އެގޮތުން ވިޔަފާރީގެ ގުޅުމާއި އިންވެސްޓްމެންޓާއި ދަތުރުފަތުރުގެ ގުޅުމުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރެވޭނެ ކަމަށް ޕާކިސްތާނުގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިހާރެކޭ އެއްގޮތަށް ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ އިތުރުން އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާ އަދި ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމަށް ކުރާ މަސައްކަތުގައި ޕާކިސްތާނުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަމަށް ވިދާޅުވިއެވެ،
ޕާކިސްތާނުގެ ރައީސް ވިދާޅުވީ، ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމަކީ އެ ދީނެއްގެ މައްޗަށް ބިނާވެ އިތުރުބާރާއި އިޚްތިރާމް އަދި ސިޔާދަތީ މިނިވަންކަންކަމުގެ ތެރެއިން ބަދަހިވެފައިވާ ގުޅުމެއް ކަމަށެވެ. އަދި ދެޤައުމުގެ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާއާ މި ދަތުރުފުޅު ދިމާވުމަކީ ދެޤައުމުގެ ގުޅުން އައު ހިތްވަރަކާއެކު މަސައްކަތް ކުރަންޖެހޭ ކަމުގެ ނިޝާނެއް ކަމަށެވެ.
ޕާކިސްތާނުގައި ރައީސް ވަނީ ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ މުހިންމު އެހީތައް ފާހަގަކުރައްވާފައެވެ. މިގޮތުން ރައްޔިތުންގެ މަޖިލީސްކުރާގެ އާއި އެމްއެންޔޫގެ ސްކޫލު އޮފް މެޑިސިން ބިނާކުރުމުގައި އެޤައުމުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގައި ސަބަބުން، ރާއްޖޭގެ ކަހަލަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އިންތިހާއަށް ކުރާ އަސަރު ދެ ޤައުމުގެ ވެރިންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުން ރައްކާތެރިވެ ވިލުންތެރިކަން އިތުރުކުރުމަށާއި ދެމެހެއްޓެނި ތަރައްޤީއަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދޭނެކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފަސް މިލިޔަން ގަސް ޕްރޮގްރާމަށްވެސް މި ރޮންގުން އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ޒަރުދާރީ ދެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ޤައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކޮށް މަޝްވަރާގެ އުސޫލު އިސްކުރުމގުެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ސަރަހައްދީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މައްސަލަތައް ހައްލުކުރުމަށް އދ ޗާޓަރާއި އެއްގޮތަށް ހައްލުކުރެވޭނެކަން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އދ. ޤަރާރުތަކާއި އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދެ ބޭފުޅުން ވަނީ ގޮވާލައްވާފައެވެ.
މިބައްދަލުވުން ނިންމަވާލެއްވުމަށްފަހު ޕާކިސްތާނުގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހި ވަފުދަށް ހާއްސަ ޖާފާތެއް ބާއްވާފައެވެ. މި ޖާފަތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފާއި، އެޤައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ފީލްޑް މާޝަލް ސައިދު އާސިމް މުނީރުގެ އިތުރުން، ޤައުމުގެ އިސްވެރިންނާއި އަސްކަރީ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެނެވިއެވެ.