ޚަބަރު

އަންނަ އޭޕްރިލް މަހު ދަރުމަވަންތަ ހޮސްޕިޓަލުން ޚިދުމަތް ދޭން ފަށަނީ


އަންނަ އޭޕްރިލް މަހު ދަރުމަވަންތަ ހޮސްޕިޓަލުން ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް މިދިޔަ އަހަރު ފެށުމަށް ނިންމި ނަމަވެސް، މަސައްކަތް ނުނިމި ލަސްވެފައިވަނީ ބޭނުންވާ ބައެއް މެޝިންތަކާއި، އިކުއިޕްމަންޓްތައް ހޯދުމުގައި ދިމާވި ދަތިތަކުގެ ސަބަބުންކަމަށް އައިޖީއެމްއެޗުން ބުނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލުމާތުު ދެއްވަމުން އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ މުޙައްމަދު މުފީދް ވިދާޅުވީ، އަންނަ އޭޕްރިލްމަހު ހޮސްޕިޓަލް ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށެވެ. އަދި އެ ހޮސްޕިޓަލުން ޚިދުމަތްދޭން ފަށާއިރު، އާންމު ބަލިތަކުގެ ފަރުވާއާއި ބައެއް ޓެސްޓްތައް ހެދުމުގެ ޚިދުމަތް ފަށާއިރު، މިކަމަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ހޮސްޕިޓަލުގެ ފުރަތަމަ 4 ފަންގިފިލާ ކަމަށެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާއާއި ތިންވަނަ ފަންގިފިލާގައި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި މި ދެ ފަންގިފިލާއިން ދިނުމަށް ހަމަޖެހިފައިވާ ފަރުވާތަކުގެ ތެރޭގައި، އެޑްމިޓް ނުކޮށް ފަރުވާދޭ އާއްމުބަލިތަކާއި، އަދި ހަމުގެ ބަލިތަކުގެ ޚާއްސަ ފަރުވާތައް ހިމެނޭކަމަށް އައިޖީއެމް ހޮސްޕިޓަކުން ބުނެއެވެ.

މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާއިން ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، ކުދިކުދި ބަލިތަކަށް ޓެސްޓުކުރުމާއި، އެކްސްރޭއާއި، އަދި ބޮޑެތި ތަޙްލީލްތައް ހެދުމަށް ސީޓީ ސްކޭން ހެދުމާއި، އެމްއާރްއައި ހެދުމުގެ ޚިދުމަތް ލިބޭނެކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ. އަދި ހޮސްޕިޓަލުގެ 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އަރތްރައިޓިސް ނުވަތަ ރާއްޖެބައްޔަށާއި ހުޅުތަކުގެ އެކި ބަލިތަކަށް ފަރުވާދިނުމަށް ހައިޑްރޯ ޕޫލަކާއި، އަދި ފިޒިއޮތެރަޕީގެ ޚިދުމަތްވެސް ދެވޭގޮތަށެވެ. އަދި
ހޮސްޕިޓަލުގެ ގްރައުންޑް ޕްލޯ ތަރައްޤީކޮށްފައިވަނީ މަޑުކޮށްލައިގެން ތިބެވޭ ސަރަޙައްދެއްގެ ގޮތުގައެވެ.

އައިޖީއެމްއެޗުން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި މަސައްކަތް ނުނިމިހުރި ފަންގިފިލާތަކުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައި ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މި ފަންގިފިލާތަކުގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފަށާއިރު ހިތުގެ ބަލިތަކަށާއި، ކުޑަކުދިންގެ ޚާއްސަ ބަލިތަކާއި، ކަރުން މަތީގެ ބަލިތަކާއި، ލޮލުގެ ބަލިތައްފަދަ ޚާއްސަ ބަލިތަކުގެ ފަރުވާގެ އިތުރުން، ބޮޑެތި އޮޕަރޭޝަންތައް ކުރުމުގެ ޚިދުމަތްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މެޑިކަލް ކޮލެޖަށް ޚާއްސަ ދެ ފަންގިފިލާވެސް މީގެ ތެރޭގައި ހިމެނޭކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

25 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލުގައި ސިއްޙީ ޚިދުމަތް ދިނުމަށް ޚާއްސަކޮށްފައިވަނީ ފުރަަމަ 17 ފަންގިފިލާއެވެ. އަދި 18ވަނަ ފަންގިފިލައިން މަތީގައި ހިމެނެނީ އެގްޒެކެޓިވް ރޫމާއި، ބޭރުން އަންނަ ޑޮކްޓަރުންގެ އެކަމަޑޭޝަނާއި، ރައީސުލްޖުމްހޫރިއްޔާއާއި އެމްބެސެޑަރުން ފެންވަރުގެ ބޭފުޅުންނަށް ޚާއްސަ ފަންގިފިލާއަކާއި، އަދި އެންމެ މަތީ ފަންގިފިލާގައި ހިމެނެނީ ރެސްޓޯރެންޓެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ސިއްޙީ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށްދާންޖެހޭ ދިއުން މަދުކޮށް ބޭރަށްދާ ދިޔުން މަދުކޮށް، ރާއްޖޭގައި ތިވެގެން ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތް ދިނުމަށް، ކުރީގެ ސަރުކާރުން ފަށާފައިވާ 2.2 ބިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. ދަރުމަވަންތަ ހޮސްޕިޓަލާއެކު އައިޖީއެމްއެޗްގެ ޖާގަ 500 އެނދަށް އިތުރުވާނެއެވެ.